ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި ހަރަކާތްތެރިވާ "ހަސަން ކުރުސީ" އަކީ ކާކުކަން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
އެއީ ކާކުތޯ ބަލައި ދިނުމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ ހުށަހެޅުއްވީ ކުރުސީއަކީ ނަޝީދު ކަމަށް ހީކޮށް އަރާފައިވާ އޮޅުންތަކާ ހެދި އިންތިހާ އަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޝީދު ހުށަހެޅުއްވި މައްސަލަ އާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލް ނުދެއްވަ އެވެ.
ކުރުސީގެ އެކައުންޓު ފާޅުވީ މިދިޔަ އަހަރު އެވެ. އެ ކައުންޓުން ކުރާ ޓުވީޓުތަކާއި ހާމަ ކުރާ ސިއްރު މައުލޫމާތުތަކުން އަބަދުވެސް އެންމެންނަށް ހީވެފައި އޮންނަނީ އެއީ ރައީސް ނަޝީދު ހިންގަވާ އެކައުންޓެއް ކަމަށެވެ. އަދި އެގޮތަށް ސިޔާސީ އިސް ފަރާތްތަކުންވެސް ވިދާޅުވެފައިވެ އެވެ.
މިކަމަށް ރައްދުދެއްވައި މީގެ ކުރިން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިއުންތަކުގެ ހަގީގީ-ހިޔާލީ ޝަހުސެއް ކަމަށާއި އޭނާއަކީ ނަޝީދުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެފައި އެވެ.
އެ އެކައުންޓުން ދަނީ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ސަރުކާރުގެ ޕްރޮޖެކްޓުތައް ދިނުމުގައި ކޮރަޕްޝަން ހިމެނޭކަން ހާމަ ކުރުމަށް ގިނަ ލިޔުންތަކެއް ހާމަ ކުރަމުންނެވެ. އަދި ބޮޑެތި ތުހުމަތުތައް ސިޔާސީ ފަރާތްތަކުގެ ބޮލުގައި އަޅުވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް