މިއަހަރުގެ ރޯދަމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދުވެސް ފާއިތުވި ތިން އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ރޯދަމަސް ފެށިގެން ފާއިތުވި ތިން ހަފުތާގައި މުދާ އެތެރެކުރި އަދަދު ވަކިން ގިނަ ކަމަށާއި ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ އެތެރެކުރި އަދަދު ވަނީ ގިނަ ވެފައެވެ.
އަދި މި އަހަރުގެ ރޯދައަށް އެ ކުންފުނިން އަމާޒު ކުރީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާކުރުމުގެ އޮޕަރޭޝަން އަވަސްކޮށް ވީހާވެސް އަވަހަށް އެ ތަކެތި ކްލިއާކޮށް ބާޒަރަށް ނެރެވޭނެ ގޮތަށް ޕޯޓުގެ މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުން ކަމަށާއި އެ އަމާޒު ވަރަށް ރަނގަޅަށް ހާސިލުކުރެވެމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، ރޯދަ މަހުގެ މިހާތަނަށް އިމްޕޯޓް ކުރި ޕެރިޝަބަލް މުދަލުގެ އަދަދު ފާއިތުވި ތިން އަހަރުގެ ރޯދަ މަސްތަކުގައި އެތެރެ ކުރި މުދަލަށްވުރެ އިތުރު ކަމަށެވެ.
އަދި މި ރޯދަމަސް ނިމޭއިރު، އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށާއި އެ މުއްދަތުގައި އެތެރެކުރި ކޮންޓެއިނާ ކާގޯއަށް ބަލާ އިރުވެސް ފާއިތުވި ދެ އަހަރު އެތެރެކުރި އަދަދަށްވުރެ ގިނަ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރޯދަމަސް ފެށިގެން މިހާތަނަށް ޕެރިޝަބަލް މުދާ ހިފައިގެން އެކަނިވެސް 26 ބޯޓެއް ރާއްޖެ އައިސްފައިވެއެވެ. އަދި ކޮންޓެއިނާ މުދާ ގެންނަ ބޯޓުތައްވެސް ކޮންމެ ތިން ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ރާއްޖެ އާދެއެވެ.
މި ރޯދަމަހުގައި މިހާތަނަށް އެމްޕީއެލުން ކްލިއާ ކުރި މުދަލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމުލަ 20 ފޫޓުގެ 5000 ކޮންޓެއިނާގެ މުދާ ވަނީ ކްލިއާކޮށްފައެވެ. އަދި ޕެރިޝަބަލް ކާގޯގެ 180،000އާއި ގާތްކުރާ އަދަދަކަށް ޕެކޭޖާއި ޖެނެރަލް ކާގޯގެ 9000 ޕެކޭޖު ވަނީ ކްލިއާކޮށްފައެވެ.
އެމްޕީއެލުން ވަނީ ރޯދަމަހަށް އެކުންފުނީގެ އޮޕަރޭޝަންތައް ވަރުގަދަކޮށް މުދާ ގެންނަ ބޯޓުތައް ހުސްކޮށް، އަވަހަށް ފުރުވާލެވޭނެ އިންތިޒާމާއި ގެންނަ މުދާ އަވަހަށް ކްލިއާ ކުރެވޭނެ ހާއްސަ އިންތިޒާމްތައް ހަމަޖައްސާފައެވެ. އަދި އެ އޮޕަރޭޝަންތަކަށް ހާއްސަ ޓާސްކުފޯހެއް އެކުލަވާލައި މުދާ ކްލިއާ ކުރާ ގަޑިވެސް ވަނީ އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް