ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުން ވެމްކޯއާ ހަވާލުކޮށްފި

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އާއިއެކު، ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ސޮއިކޮށްފިއެވެ. މ...

26 Apr 2022 | 10:51

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އާއިއެކު، ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނެގޭ ކުނީގެ ބާވަތްތަށް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށެވެ.

މީގެ އިތުރުން، މިފަދަ މަސައްކަތްތައް އެޗްޑީސީން ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެގެންވާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލެގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެ ކުންފުނީގެ ފޯކަސް އަމާޒުކުރުން ހިމެނޭކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަދަ މަސައްކަތްތައް އެ ފަރާތްތަކާއި ހަވާލުކުރުމަކީ އެ ކޯޕަރޭޝަންގެ މަޤްސަދެއް ކަމުގައި އެޗްޑީސީން ބުނެފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ވެމްކޯއިން ހުޅުމާލެގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާރކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ އެވެ.

ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަރ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން  ތިން އަހަރު ދުވަސް ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލެގެ އާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ނުކޮށްހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް އެދިފައި ވެއެވެ.

ހަމައެހެންމެ، ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށާއި ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ހިޔާރުކުރުމަށް އެދިފައި ވެއެވެ.

އަދި ރެޖިސްޓަރ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް