ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމަކަށް

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި (އެޗްޑީސީ) ...

26 Apr 2022 | 09:42

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި (އެޗްޑީސީ) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ބައިވެރިންނަށް އަދި އެޗް.ޑީ.ސީގަ މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް

ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް ތަކާ އެއްގޮތަށެވެ.

އަދި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީނު ކުރެވޭނެެެއެވެ.

ބައިވެރިން ތަމްރީނު ކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ، ވެލްޑިން، ޕްލަމްބިން، އިލެކްޓްރީޝަން، ކާޕެންޓަރ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކުން ހިމެނޭހެން ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރ، އެސިސްޓެންޓް ބިލްޑިންގ މެއިންޓަނެންސް އޮފިސަރ، މޭސަން، ގާޑަނަރ، އަދި ހެވީވެހިކަލް އޮޕަރޭޓަރ ހިމެނެއެވެ.

މިއަދު ބޭއްވި މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.

އެޗް.ޑީ.ސީން ބުނީ މި އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަޤްޞަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުން ކަމަށެވެ.

އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ.

މި ހަފްލާގައި ވާހަކަދައްކަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވީ 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީއިން ކުރާނެކަމުގައެވެ.

މީގެ އިތުރުން ގިނަ ދާއިރާތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެޗްޑީސީން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރެއްވިއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމަކީ އެޗް.ޑީ.ސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލައެއް ހައްލުކުރުމުގައި އެހީތެރިވެދިނުމާއި ތަމްރީނު ދޭ އިންސްޓިޓިއުޓު ހޯދުމާއި އިންސްޓިޓިއުޓަށް ދޭ ފައިސާ ހަމަޖެއްސުން އަދި ފާސްވާ ދަރިވަރުންނަށް ނޭޝަނަލް ސެޓްފިކެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް