ސިވިލް ކޯޓުގެ އިސް ގާޒީއަށް ފިޔަވަޅު އަޅައިފި

އަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން އަމަލުކުރިކަން ސާބިތުވުމުން ސިވިލް ކޯޓުގެ އިސް ގާޒީ ޢަބްދުالله ޢަލީއަށް ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖ...

26 Apr 2022 | 06:40

އަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން އަމަލުކުރިކަން ސާބިތުވުމުން ސިވިލް ކޯޓުގެ އިސް ގާޒީ ޢަބްދުالله ޢަލީއަށް ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާއިން ބައްލަވާ މައްސަލައަށް ހާޒިރުވުމަށްޓަކައި އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސިވިލް ކޯޓުގެ ޤަޟިއްޔާ ބާތިލުކުރުމުގައި އިސްޤާޟީ އަބްދުﷲ އަލީ އަމަލުކޮށްފައިވަނީ އަދުލު އިންސާފު ޤާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން ކަމަށެވެ.

އަދި ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތައައްސުބެއް އޮތްކަން ފެންނާންއޮތް ކަމަށާއި އަދި ފަނޑިޔާރުގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެމަތިންކަން އިސްޤާޟީ އަބްދުﷲ އަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަހުޤީޤަށް ސާބިތުވާ ކަމަށެވެ.

އިސް ގާޒީ ޢަބްދުﷲ ޢަލީގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސް ގާޒީ ޢަބްދުﷲ ޢަލީއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް