އަލްހާންގެ ކިންގް ފޮރެކްސުން ބަލި ގަބޫލުކޮށް، ފައިސާ ބަލައިގަތުން ހުއްޓާލައިފި

އޮންލައިން ޓްރޭޑިންގެ ނަމުގައި ދިވެހިންނަށް އޮޅުވާލައި މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގަމުން ދަނިކޮށް އެމްއެމްއޭއިން އާންމުންގެ ސަމާލު ކަމަށް އެކަން ގެނައުމުން ގޮންޖެހި ކިންގް ފޮރެކްސ...

26 Apr 2022 | 05:31

އޮންލައިން ޓްރޭޑިންގެ ނަމުގައި ދިވެހިންނަށް އޮޅުވާލައި މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގަމުން ދަނިކޮށް އެމްއެމްއޭއިން އާންމުންގެ ސަމާލު ކަމަށް އެކަން ގެނައުމުން ގޮންޖެހި ކިންގް ފޮރެކްސްއިން ބަލި ގަބޫލު ކޮށް ފައިސާ ބަލައިގަތުން ހުއްޓާލައިފި އެވެ.

އެ ކުންފުންޏަކީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީހާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނިން ދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޮންލައިން ޓްރޭޑިންގެ ނަމުގައި މީހުން އަތުން ފައިސާ ހޯދައި އިންވެސްޓުކޮށްގެން އިތުރުކޮށްދިނުމުގައި ނަމުގައި އޮޅުވާލަމުންނެވެ.

އެމްއެމްއޭއިން މީގެ ދެމަހެއްހާ ދުވަސް ކުރިން ވަނީ އެފަދަ ފަންޑުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަކަށް ނުވާތީ އެ ފަންޑުތަކާ ދުރަށް ދިއުމަށް އާންމުންނަށް ވަނީ ގޮވައިލައިފަ އެވެ.

މި އިލްތިމާސާއި އެކު ކިންގް ފޮރެކްސްއިން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެމީހުން ހިންގަނީ ރައްކާތެރި އިންވެސްޓުމެންޓެއް ކަމަށް ބުނެ ބޮޑު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެކަމަކު އިއްޔެ އެންމެ ފަހުން އެ ކުންފުނިން ވަނީ އަމާން ދީފަ އެވެ. ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ކުންފުނިން އޮންލައިން ޓްރޭޑް ކުރުމަށް އިންވެސްޓުމެންޓު ހުއްޓާލާފައިވާ ކަމަށެވެ. އަދި ބުނެފައިވަނީ އެކަން ކުރަން ގާނޫނީ އޮނިގަނޑާއި އެކު ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://twitter.com/KingsForexT/status/1518547451111952385

އެ ޓުވީޓުގައި ވަނީ ކެޕިޓަލް މާކެޓް އޮތޯރިޓީން އާންމުކޮށްފައިވާ އިއުލާނެއް އެޓޭޗް ކޮށްފަ އެވެ. އޭގައި ބުނެފައިވަނީ މާލީ ސެކިއުރިޓީސްގެ ގާނޫނުގެ ދަށުން އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތް ކުރުމާއި މާލީ ސެކިއުރިޓީސްގެ މުއާމަލާތްތަކުގައި ކުރާ ނޭދެވޭ އަމަލުތައް ހުއްޓުވުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެން ކަމުން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެއް ކަމަކަށް ފައިސާ ހޯދައިގެން އެއިން ފައިދާ ލިބޭ ގޮތަށް އިންވެސްޓް ކުރުމަކީ ސެކިއުރިޓީސްގެ ތެރޭގައި ހިނގާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކޮށް، އިޝްތިހާރު ވެސް ކުރެވޭނީ ލައިސަންސް ނަގައިގެން ކަމަށެވެ.

އަލްހާންގެ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރިން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އާންމުން ވަނީ ފައިސާ އިތުރު ކުރުމުގެ ނަމުގައި އެ ކުންފުންޏަށް60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓުކޮށްފަ އެވެ. އަދި އެ ސްކީމްގައި2،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް