ބައިސްކަލްގައި ކުނި އުކާލުން މަނާކުރަން އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެވެ. މޫސަ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ކުނި އުކާލަން ބޭނުން ކުރަންޖެހޭނީ އެކަމަށް ހާއްސަކޮށް ހަދާފައި ހުންނަ ވެހިކަލް އެވެ.
އެ އިސްލާހު ހުށަހެޅުއްވި މައިގަނޑު މަގުސަދަކީ ވިޔަފާރި އުސޫލުން މިހާރަށް ވުރެ ރަނގަޅަށް ކުނި އުކާލުމުގެ ކަންކަން ހަމަޖައްސައިދިނުމަށާއި، މިހާރު ހަަމަޖެހިފައިވާ ކުނި އުކާލުމުގެ ނިޒާމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި، ކުނި އުކާލުމުގައި އާންމުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ބުނެފައިވެ އެވެ.
މޫސަ ހުށަހެޅުއްވި އިސްލާހުގައި ކުނި އުކާލުމުގައި ހަރަކާތްތެރިވާ އުޅަނދުތައް ވެސް މަގުމަތީގައި އާންމުންނަށް ދަތި ނުވާހެންނާއި މަގުމައްޗަށް ކުނި ނޭޅޭ ގޮތަށް އުޅަނދުތައް ބޭނުންކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
މޫސަ އެ އިސްލާހު ހުށަހެޅުއްވި އިރު ކުންޏާއި ބެހޭ ގަވައިދުގައި މިހާރު ބުނާގޮތުން ބައިސްކަލުގައި ކުނި އުކުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް އެ ބައިސްކަލު ވާންޖެހެނީ އީޕީއޭއަށް ހުށަހަޅައި ފާސްކުރެވިފައިވާ އެއްޗަކަށެވެ.
ޓްރެފިކާ ގުޅޭ ބައެއް ޖޫރިމަނާތައް ބޮޑުކުރުމަށްވެސް މޫސަ ވަނީ އެއްގަމު އުޅަނދުފަހަރުގެ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް