ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ފަތުހު ޖަމާއަތުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި ދައުވާކުރަން ފޮނުވާފައިވަނީ ކުންފުނީގެ ވެރިޔާ އަދި އެ މައްސަލާގައި ހައްޔަރުކުރި މ. އެކްސެލް، މުސްތަފާ މުހައްމަދު ދީދީ އާއި އޭނާގެ އަންހެނުން، ހ. ސިއްކަގޭ ހުޅަނގުބައި، މަރިޔަމް ރަޝީދާ އިބްރާހީމާއި އޭނާގެ ފިރިހެން ދަރިފުޅު، މ. އެކްސެލް، އިބްރާހީމް ސުވައިދުގެ އިތުރުން މުސްތަފާގެ ދަނބިދަރިއެއް ކަމަށްވާ ދ. މީދޫ، މުސްތަރީގޭ މުހައްމަދު އަސްލަމްގެ މައްޗަށެވެ.
ފަތުހު ޖަމާއަތުގެ ވެރިޔާ ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްްޓްރީން ކޯޓާ ދޫކުރި ވަރަށް ވުރެ އިތުރަށް 126 މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެއްގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ޖަހައިދީފައިވެ އެވެ.
މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
އެޖަމާއަތުން ލަނޑު ދިނުމުގެ ސަބަބުން ހައްޖަށް ނުދެވުނު މީހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ހަރަދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް