ޓާމިނަލުން ސިނގިރޭޓު ކާޓަންތައް ބޭރުކުރި މައްސަލައިގާ ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓަންތަކެއް ބޭރުކުރަން އުޅުނު މައްސަލައިގާ އިއްޔެ ހައްޔަރުކުރި ދެމީހުން މިއަދު ކޯޓުން ދޫކޮށްލައިފިއެވެ. ހުއްދަނެތި ސިނގިރޭޓު ކ...

26 Mar 2025 | 11:25

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓަންތަކެއް ބޭރުކުރަން އުޅުނު މައްސަލައިގާ އިއްޔެ ހައްޔަރުކުރި ދެމީހުން މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.

ހުއްދަނެތި ސިނގިރޭޓު ކާޓަންތައް ބޭރުކުރަން އުޅުނު ދެމީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ. ޑަސްޕިން ކޮތަޅުތަކެއްގައި ސިނގިރޭޓު ބޭރުކުރަން އުޅުނު އެ މައްސަލައިގާ ހައްޔަރުކުރި ދެމީހުންނަކީ އެއާޕޯޓުގައި ޑިއުޓީ އަދާކުރާ ފުލުހެއް ކަމުގައިވާ، ކ. މާލެ، ދަފްތަރު ނަމްބަރު ރސ. 14358، އުމުރުން 38 އަހަރުގެ ޔޫސުފް ނަޒީރު އަދި ކ. މާލެ، މ. ސިލްވަނެސްޓް، އުމުރުން 45 އަހަރުގެ އަހްމަދު އަފްޒަލް އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އިއްޔެ ހެނދުނު 06:20 ހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ، ޑިއުޓީ ފްރީ ސިނގެރޭޓު ދިވެހި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ މައްސަލަ ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށަހެޅި ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ދެމީހަކު ކޯޓު އަމުރެއްގެ ދަށުން ރޭގައި ހައްޔަރުކޮށް، މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރުތަކާއެކު ދެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ޝަރުތަކީ ކޮބައިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގާ ހިމެނޭ ފުލުހުންގެ މީހާ އިއްޔެއިން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް