ޣައްޒާއިން ރައްޔިތުން ބޭރުކުރުމާއި އެ ސަރަހައްދުގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙ...

26 Mar 2025 | 06:56

ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަށް، ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއްކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރަމެވެ. އަދި މިފަދަ އަމަލުތަކަކީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ޤާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ދެކޭކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް