"ކަލޭ ތި އައި ތާކަށް ކަލޭދޭ... އަހަރެން ކަލެއާއެކީ ދާކަށް ބޭނުމެއް ނޫން...." ހުމޭދާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.
"ޕްލީސް.... ހުމޭ ތިހެން ނުބުނޭ.... ހިނގާ އަހަންނަނާއެކީ ދާން.... ހެޔޮނުވާނެ.... އާދޭސްކޮށްފަ މިބުނަނީ.... ތިހެން ނަހަދާ...."
"ހިނގާށޭ ދާން.... ކޮންތާކަށް....؟ ކަލެއަށް އަހަންނަށް ކޮށްދެވޭނީ ކޮންކަމެއް.... ޖިންނިއެއްގެ ފަހަތުން އަހަރެންދާންވީ ކޮންތާކަށް....؟ ފުރަތަމަ ނާޝިދުގެ ސިފައިގައި އައިސް އަހަންނަން އޮޅުވާލީ.... ކޮންފަދަ ނުބައި މީހެއް ތީ...." ހުމޭދާ ވާހަކަ ދައްކަންމުން ދިޔައެވެ.
"އަހަރެން އިންސާނަކަށް ނުވުމަކުން އަހަންނަށް ހުމޭއަށް ނުކޮށްދެވޭނީ ކޮންކަމެއް.... އަހަރެން ފަރާތުން ހުމޭއަށް ލޯތްބެއް ނުލިބޭތަ...؟ އުފަލެއް ނުލިބޭތަ....؟ އަހަރެންގެ ފަރާތުން ލޯބިވެސް، އުފާވެސް ލިބުނެއްނު.... ރަނގަޅު ދިރިއުޅުމެއްވެސް ލިބުނެއްނު.... ލޯބި ލޯބި ދަރިއަކުވެސް ލިބުނެއްނު.... އިންސާނަކަށްވެސް ކޮށްދެވޭނެ ކަމަކީ ހަމަ މިއެއްނު....! ތަފާތެއް އެބައޮތްތަ....؟ ނެތެއްނު....؟ ދެން ކީއްވެ ތިހެން ތިހަދަނީ....! ހެޔޮ ނުވާނެ... ތިހެން ނަހަދާ...! ގިސްލަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ކީއްވެހޭ ތިހެން ތިހަދަނީ....؟ އިންސާނަކަށް ނުވީމަ...! އަހަންނަށް އޮޅުވާލައިގެން މިތަނަށް އައިސް އަހަންނަށް މަކަރު ހެދީމަ.... ކިތައް މީހުންނަށް ތި ގެއްލުންދިނީ... ދެން ވަރިހަމަ.... ރޯނެކަމެއް ނެތް....! ތިރޯ ރުއިމަކުން މިއަދު އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ.... އަވަހަށް ކަލޭ އައިތާކަށް ކަލޭދޭ.... އަހަންނަށް އުނދަގޫ ކުރަން ދެން ނާންނާތި...." ހުމޭދާ ވާހަކަ ދެއްކިއެވެ.
"ހުމޭ... ހުމޭ އާއި އަހަރެންގެ ލޯތްބަށް ހުރަސްއެޅި ކޮންމެ މީހަކަށްވެސް އެކަމުގެ އަދަބު ކޮންމެސް ގޮތަކަށް ދީފަ އޮންނާނީ.... ފަންޑިތަ ހަދަން މަސައްކަތް ކުރިމީހަކަށް ވިޔަސް އެކަމުގެ އަދަބު ދީފަ އޮންނާނީ.... އަނެއްކާވެސް ހުމޭގެ ޢާއިލާގެ މީހުން އެއަންނަނީ ފަންޑިތަހަދާ މީހެއް ގޮވައިގެން.... އެހެންވެ މިބުނަނީ.... އަވަހަށް ހިނގާ ދާން.... މިފަހަރު އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ.... އަހަރެން ބާރެއް ނެތް.... ހުމޭ... ހެޔޮ ނުވާނެ.... ތިހެން ނުހަދަ އަހަންނާއެކީ ހިނގާ ދާން...." ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"އަހަންނެއް ނުދާނަން.... ކިތައްފަހަރު ބުނީމަތަ އަޑު އިވެނީ.... ކަލޭގެ ބާރެއް ނެތީމަ ފަންޑިތަ ހަދާ މީހަކު އަންނާތި ބިރުންނެއްނު ތިއުޅެނީ.... އަހަރެން ހައްލަން ދެން މަސައްކަތް ނުކުރޭ... ނުވާނެ ތިކަމެއް.... އެދުވަސް މިހާރު ހިނގައްޖެ... މިހާރު މިއޮތީ އަހަރުމެންގެ ދުވަސް...." ހުމޭދާ އަދިވެސް ރުޅިވެރިކަމާއެކު ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަހަރެން ގޮއްސިއްޔާ އަހަރުމެންގެ ދަރިފުޅަށް ކިހިނެތްވާނީ....! ހުމޭއަށް ހަމަ ރަނގަޅަށް އެނގޭނެ އެއީ އަހަރެންގެ ނަސްލުވެސް ހިއްސާކުރާ ކުއްޖެއް ކަން... އޭނަގެ ކިބައިންވެސް ފެންނަމުންދިޔަ އާދަޔާ ޚިލާފު ސިފަތަކުން ހުމޭއަށްވެސް އެކަން ހަމަ ރަނގަޅަށް އެނގެއެއްނު....!" އަނެއްކާވެސް ނާޝިދުގެ ސިފައިގައި ހުރި ޖިންނި ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަހަންނަށް ވަރިހަމަ....! އަހަންނަށް އެނގޭ އެއްޗަކީ ކަލެއަށް ދެން މިތާކު ނުހުރެވޭނެކަން.... ކަލޭ ދާންޖެހޭ ވަގުތު ހަމަވެއްޖެކަން...." ހުމޭދާ ދުރަށް ބަލަހައްޓައިގެން ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ހެޔޮނުވާނެ.... ތިގޮތަށް އަހަންނާ ދުރަށްނުދޭ... އަހަރެން ވަރަށް ރަނގަޅަށް ހުމޭ ބަލާނަމޭ... ހުމޭއާ ނުލާ އަހަރެން ކިހިނެތް ދިރިއުޅޭނީ.... އަހަރުމެން ދެމީހުން ކުރިންވެސް އުޅުންގޮތަށް އަދިވެސް އެކުގައި އުޅެވޭނެޔޭ.... މައްސަލައަކީ އަހަރެން އިންސާނަކަށް ނުވިކަމެއްނު.... އެކަމަކު، އެކަމުގެ ސަބަބުން އެއްވެސް ކަމެއް އުންޏެއްނުވެއެއްނު... އަހަރުމެންގެ މި ކުޑަކުޑަ ޢާއިލާ އުޅެމުން މިދަނީ ކިހާ އުފަލުގައި.... ޕްލީސް ހުމޭ....! އާދޭސްކުރާ ރާގަކަށް ވާހަކަ ދައްކަމުން ހުމޭދާއާ ދިމާއަށް ދެއަތް ދިއްކޮލިއެވެ.
އެވަގުތު ކުއްލިއަކަށް އެތަނަށް އައީ ޚާލިދު އާއި ނާޞިރެވެ. އެމީހުންނާއެކު އިތުރު ދެމީހަކުވެސް އައެވެ. އެއީ ފަންޑިތަހަދާ މީހެކެވެ.
"ހުމޭ.... ދަރިފުޅާ... އޭނާ ކައިރިން ދުރަށްދޭ.... މިކޮޅަށް އާދޭ....! ތިއީ އިންސާނެއް ނޫން...! އިންސާނެއްގެ ސިފައިގައި މިގެއަށް އައިސްގެން އުޅޭ ޖިންނިއެއް." ޚާލިދު ހަޅޭއްލަވައިގަތެވެ.
"ބޭބޭ.... ބޭބޭ...." ހުމޭދާ ބޭބެއަށް ގޮވަމުން ޚާލިދާ ދިމާއަށް ދުއްވައިގަތެވެ.
ބޭރުގައި މާ އަޑު ގަދަވެގެން ހަސީނާއާއި، ޒާހިރާ އާއި ޢާއިޝާވެސް ބޭރަށް ނުކުމެއްޖެއެވެ. ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި، މާޔޫސްކަމާ ބިރުވެރިކަމެވެ.
"ބޭބޭ... ހެޔޮނުވާނެ... އަހަންނަށް އެއްވެސް ކަމެއް ނުކުރައްޗޭ.... އަހަރެންގެ ފުށުން އެއްވެސް އުނދަގުލެއް ނުވެއެއްނު. އަހަރެން އިންސާނަކަށް ނުވިޔަސް އަހަރެން ސަބަބުން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެއެއްނު.... ބޭބޭ ތިހެން ނަހަދާ....!" ނާޝިދުގެ ސިފައިގައިހުރި ޖިންނި ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
އެވަގުތު ފަންޑިތަ ހަދާ މީހާގެ ކަރުގައި އޮޅާލާފައިވާ ހުދުފޮށާ އަތަށް ނެގުމަށްފަހު ފޮށާގެ ދެކޮޅުގައި ހިފަހައްޓައިގެންހުރި އެމީހާއި ކޮންމެވެސް އެއްޗެއް ކިޔަވާފައި ފޮށަޔަށް ފުމެން ފެށިއެވެ.
"ބޭބޭ.... ހެޔޮނުވާނެ ތިހެން ނަހަދާ....! އަހަންނަށް ތިހެން ނަހަދާ....! ބޭބޭ ހެޔޮ ނުވާނެ... އޭނަ ކައިރީގައިބުނޭ އަހަންނަށް އަނިޔާ ދޭން ނޫޅޭށޭ...! ބޭބޭ.... އަހަންނާ ހުމޭ އާ ވަކިކުރަން ނޫޅޭ.... ޕްލީސް...." ޚާލިދު އާ ދިމާއަށް ބަލަހައްޓައިގެން ހުރެ ނާޝިދުގެ ސިފައިގައިހުރި ޖިންނި ވާހަކަ ދެއްކިއެވެ.
އެވަގުތު ފަންޑިތަ ހަދާމީހާ ކިޔަވަމުންދިޔަ ކިޔެވެލި ކިޔެވުމަށްފަހު އެ ފޮށާއަށް ފުމެލުމަށްފަހު ފޮށާ ނަގައި ދުރަށް ފޮޅާލިއެވެ. ފޮށާ ދުރަށް ފޮޅާލުމާއެކު ނާޝިދުގެ ސިފައިގައި ހުރި ޖިންނި ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ހުމޭދާ ދުރަށް ދުއްވައިގަތެވެ. ތަނުގައި ތިބި އެންމެންވެސް ބިރުން ދުރަށް ޖެހިލިއެވެ. ވިއްސައިގެންގޮސް އަނގަވަތަށް ވެއްޓިފައިވާ ޖިންނި ފަންޑިތަ ހަދާ މީހާއާ ދިމާއަށް ބަލާލުމަށްފަހު ބިރުވެރި އަޑަކުން ހަޅޭއްލަވައި ގަތެވެ. އޭރު އެ ޖިންނީގެ މޫނުމަތިން ހިސާބަކަށް ލޭ އަންނަމުން ދިޔައެވެ.
"އާދޭސްކޮށްފަ މިބުނީ.... ބޭބޭ.... ތިކަން ހުއްޓަލާ...! އަހަންނަށް ލިބޭ ކޮންމެ ގެއްލުމަކަށް ހުމޭއަށް ވެސް އަނިޔާ ލިބެމުންދާނެ.... އަހަރެންގެ ބައްޕަ ހުމޭ ދުލެއް ނުކުރާނެ.... ބޭބެމެން އަހަރެން ދެކެ ލޯބި ނުވިޔަސް ބޭބެމެންގެ ދަރިފުޅު ދެކެ ވަރަށް ލޯބި ވެޔެއްނު...! ހުމޭއަށް އަނިޔާއެއް ލިބޭތަން ދެކޭކަށް އަހަންނަކަށްވެސް ކެތެއް ނުވާނެ.... ބޭބޭ ހެޔޮނުވާނެ އެކަން ހުއްޓާލަން އޭނަ ކައިރީގައި ބުނޭ....! އަހަރެން މަރުވިޔަސް އަހަންނަށް ހެޔޮ.... އެކަމަކު ހުމޭއަށް އަނިޔާއެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން..." ބިންމައްޗަށް ވެއްޓިފައިއޮތް ޖިންނި ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
އޭރު އެ ޖިންނީގެ މޫނުމަތިން ތަންކޮޅުކޮޅު ފުފެމުންގޮސް އެތަންތަން ފަޅައިގެން ގޮސް ލޭ ފައިބަމުން ދިޔައެވެ. އަދި ފަންޑިތަހަދާ މީހާ އޭނާގެ އަތުގައި އޮތް ފޮށާގެ ދެފަރާތުގައި ހިފަހައްޓައިގެން ބިންމަތީގައި އޮތް ޖިންނިއާ ދިމާއަށް ބަލަންހުރެ ކިޔަވަމުން ގެންދިޔައެވެ. އެމަންޒަރު ބަލަންހުރި ހުމޭދާގެ ދެލޮލުގެ ކަޅި ކުއްލިއަކަށް މައްޗަށް އެރުމަށްފަހު ހުމޭދާ ބިންމައްޗަށް ވެއްޓުނެވެ.
"މަގޭ ދަރި...." ހަސީނާ، ހުމޭދާއާއި ދިމާއަށް ދުއްވައިގަންނަމުން ބުނެލިއެވެ.
ނަމަވެސް އެވަގުތު ހަސީނާ ހިފެހެއްޓީ ޚާލިދެވެ.
"އިހަށް މަޑުކުރޭ...! ހަމަޖެހޭ... ހުމޭދާ އަކަށް އެއްކަމެއްވެސް ނުވާނެ.... ހަމަޖެހޭ....." ހަސީނާގެ ދެއަތުގައި ހިފަހައްޓައިގެން ހުރެ ޚާލިދު ވާހަކަ ދެއްކިއެވެ.
"އަހަރެންގެ މި އާދޭހަށް ބީރު ކަންފަތެއް ނުދީ ބޭބޭ....! ބޭބެމެން ތިހެން ކަންތައް ކޮށްފިއްޔާ އަހަރެންގެ ބައްޕަ ހުމޭ ދުލެއް ނުކުރާނެ... ހެޔޮނުވާނެ ބޭބޭ.... ތިހެން ނުހަދާ...! ބިންމަތީގައި އޮތް ޖިންނި ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
ހުމޭދާ ބިންމަތީގައި އޮވެގެން ތެދުވަން މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ހުމޭދާގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތެވެ. ތެދުވަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ވެއްޓެއެވެ.
"ތިއީ، ކަލޭދެން ސަލާމަތް ނުވާނެކަން އެނގޭތީ ދައްކާ ބޭކާރުވާހަކަ.... ކަލޭ އިންސާނަކަށްވީނަމަ އަހަރުމެން ޢާއިލާއިން ކަލޭ ދުރުކުރާކަށް މަސައްކަތެއް ނުކުރީމުސް... އެކަމަކު ޖިންނިއަކަށް ކިހިނެތް އައިސް އިންސާނުންގެ ތެރޭގައި ދިރިއުޅެވޭނީ.... އެކަމެއް ނުވާނެ... ކަލެއަށް މިކަން އެނގިގެން ރީތިކޮށް މިތަނުން ދިޔަނަމަ އަހަރުމެންނަކަށް މިހެން ހަދާކަށް ނުޖެހުނީސް..." ބިންމަތީގައި އޮތް ޖިންނި އާ ދިމާއަށް ބަލަންހުރެ ޚާލިދު ވާހަކަ ދެއްކިއެވެ.
"އެކަމަކު ބޭބޭ.... އަހަންނަށް ތިކުރާ ކޮންމެ އަނިޔާއަކަށް އަހަރެންގެ ބައްޕަ ހުމޭއަށް އަނިޔާ ކުރާނެ.... ހުމޭއަށް ވަމުންދާގޮތް ބަލާބަލަ...." ޖިންނި ވާހަކަ ދެއްކިއެވެ.
އޭރު އެ ޖިންނީގެ މުޅި މޫނުން ލޭފައިބަމުން ދިޔައެވެ. ދެކަންފަތް މަޑުމަޑުން ދިގުވަމުންދިޔައެވެ. މުޅި މޫނުމަތި ބިރުވެރި ސިފައަކަށް ބަދަލުވަމުން ދިޔައެވެ. މި މަންޒަރުތައް ބަލަންތިބި ހުރިހާ މީހުންވެސް ތިބީ ބިރުން ތުރުތުރުއަޅާ، ދެން ވާނެ ގޮތެއް ނޭނގޭ ހާލުގައެވެ.
"ޒާހިރާ... ޢާއިޝާ ގޮވައިގެން އެތެރެއަށް ވަދޭ...." ނާޞިރު، ޒާހިރާއާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
އޭރުވެސް ބިރުވެރި އަޑަކަށް ޖިންނި ހަޅޭއްލަވަމުން ގެންދިޔައެވެ. ހުމޭދާވެސް އުގަނޑުގައި އަތް އަޅައިގެން ޙަރަކާތެއްނެތި ރޮއިރޮއި އޮތެވެ. އޭރުވެސް ފަންޑިތަ ހަދާމީހާ ފޮށާގައި އަތް ހާކަމުން ކިޔެވެލި ކިޔަވަމުން ގެންދިޔައެވެ. ޖިންނީގެ ހަޅޭކުގެ އަޑު ބާރުވަމުންދިޔައެވެ. ފަންޑިތަ ހަދާމީހާ އަނެއްކާވެސް ފޮށައަށް ފުމެލުމަށްފަހު ފޮށާ ދުރަށް ފޮޅާލިއެވެ. ފޮށާ ފޮޅާލުމާއެކު އަނެއްކާވެސް ޖިންނި އޮތްތަނުން ތަންކޮޅެއް ދުރަށް ވިއްސައިގެން ދިޔައެވެ. އެވަގުތު ޖިންނީގެ އަނގައިން ބިރުވެރި އަޑެއް ނިކުތެވެ. ކުއްލިއަކަށް ގަދަފަދަ އަޑަކާއެކު ޖެހިގެން ހުރި ބަނބުކެޔޮ ގަހުގެ މަތިން ކަޅުކުލައިގެ އޮލަ ދުންގަނޑެއް އެނބުރެމުން ތިރިއަށް ފައިބަން ފެށިއެވެ. އެންމެވެސް އެދިމާއަށް ބަލާލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 28 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް