އަމްރު ވަކިކޮށް، އެސްޓީއޯގެ ހިންގުން ވަގުތީގޮތުން ނިޒާމްއާ ހަވާލުކޮށްފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގ. ހައްދުންމަތީދެކުނުގޭ ހުސައިން އަމްރު ރަޝާދު ވަކިކޮށްފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން މިރޭ ބުނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖި...

26 Mar 2023 | 14:52

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގ. ހައްދުންމަތީދެކުނުގޭ ހުސައިން އަމްރު ރަޝާދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިރޭ ބުނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން އަމްރު ވަކި ކުރީ މިއަދު ކަމަށެވެ.

އެ ބޯޑުން ބުނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރެވެންދެން، ކުންފުނީގެ ހިންގުން ވަގުތީ ގޮތުން އެހެން ބޭފުޅާކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަޤާމުގައި ހުންނެވި މުޙައްމަދު ނިޒާމު އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަމްރު ވަކިކުރީ ރައީސް އޮފީހުން އެކަމަށް އެދި ހުށަހެޅުމުންނެވެ. “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަމްރު މަގާމުން ވަކި ކުރަން ހުށަހެޅީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް އަބަދުވެސް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

އަމްރު މަގާމުން ވަކިކޮށްފައި މިވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ގަނޑުގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތް ކުރައްވަނިކޮށެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަގާމުގައި ހުންނަވައިގެންވެސް އަމްރު ކެމްޕެއިން ކުރީ ރައީސް ނަޝީދަށެވެ.

އަމްރުގެ އިތުރުން އޭނާގެ އަނބިކަނބަލުން އަފްޝަން ލަތީފްވެސް ތާއީދުކޮށް ކެމްޕެއިން ކުރެއްވީ ނަޝީދަށެވެ. އަފްޝަން އަކީ ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ނުކުންނެވުމުން އަމްރުއާ ދޭތެރޭގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

އަމްރު އެސްޓީއޯގެ އެމްޑީއަކަށް އައްޔަން ކުރީ މި ސަރުކާރު ވެރިކަމަށް އައުމާއި އެކު 2018 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް