ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
ކުރިއަށް އޮތް އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ކ.ގުރައިދޫ، ކ.މާފުށި އަދި ކ.ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ. މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފިއެވެ.
ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލި މެންބަރު، ޙުސައިން ރިޒާއެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލި މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް