ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު މަގާމުން ވަކި ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަމްރު މަގާމުން ވަކި ކުރަން ހުށަހެޅީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް އަބަދުވެސް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
އަމްރު ވަކި ކުރަން ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހެޅި ދުވަހެއް މިއުވާން ވިދާޅެއް ނުވެ އެވެ. އަދި އިތުރު ތަފްސީލެއްވެސް ނުދެއްވަ އެވެ.
އަމްރު މަގާމުން ވަކި ކުރަން ނިންމާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ގަނޑުގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތް ކުރައްވަނިކޮށެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަގާމުގައި ހުންނަވައިގެންވެސް އަމްރު ކެމްޕެއިން ކުރީ ރައީސް ނަޝީދަށެވެ.
އަމްރުގެ އިތުރުން އޭނާގެ އަނބިކަނބަލުން އަފްޝަން ލަތީފްވެސް ތާއީދުކޮށް ކެމްޕެއިން ކުރެއްވީ ނަޝީދަށެވެ. އަފްޝަން އަކީ ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ނުކުންނެވުމުން އަމްރުއާ ދޭތެރޭގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.
އަމްރު އެސްޓީއޯގެ އެމްޑީއަކަށް އައްޔަން ކުރީ މި ސަރުކާރު ވެރިކަމަށް އައުމާއި އެކު 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް