އިތުރު ބައްދަލުވުމެއް ޖޭޕީއާއެކު ބާއްވާފައިނުވާނެ: ސަލަފް

ޖުމްހޫރީ ޕާޓީއާއެކު އިތުރު ބައްދަލުވުމެއް ބާއްވާފައިނުވާނެކަމުގައި ސަލަފް ޖަމިއްޔާއިން ބުނެފިއެވެ. އެ ޖަމިއްޔާސިން މިހެން ބުނެފައިވަނީ އެ ޖަމިއްޔާއާއިމެދު ދޮގު ހަބަރު ފަތުރަމުންދާތީ ކަމަށްބުނެ ނެރެފައ...

26 Mar 2023 | 07:23

ޖުމްހޫރީ ޕާޓީއާއެކު އިތުރު ބައްދަލުވުމެއް ބާއްވާފައިނުވާނެކަމުގައި ސަލަފް ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާސިން މިހެން ބުނެފައިވަނީ އެ ޖަމިއްޔާއާއިމެދު ދޮގު ހަބަރު ފަތުރަމުންދާތީ ކަމަށްބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އެ ޖަމިއްޔާއިން ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ އެދިލެއްވުމަކަށް 20 މާރިޗް 2023 ވީ ދުވަހު އެ ޖަމިއްޔާގެ އޮފީހުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ބައެއް އިސްވެރިންނާއި މުސްތަސާރުން އެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް މިއަދާއި ހަމއަށް އެ ބޭފުޅުންނާއެކު ބާއްވާފައިނުވާނެ ކަމަށެވެ.

"މިއާ ހިލާފަށް ތަފާތު ނޫސް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ ޒިންމާދާރުކަމެއްނެތި، ފަތުރަމުންދާ ހަގީގަތެއް ނެތް ދޮގު ހަބަރުތަކެކެވެ." އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެ ޖަމިއްޔާއަށް ނިސްބަތްކޮށް ދޮގު ހަބަރު ފެތުރި މީޑިއާތަކުން އެކަމަށް މާފަށްއެދި ތެދު ހަގީގަތް ހާމަކޮށްދިނުމަށް އިލްތިމާސްކުރާކަމަށާއި އަދި ދޮގު ތެދު ބެލުމެއްނެތި ލިބޭހައި ހަބަރެއް ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ހާއްސަކޮށް ނޫސްވެރިންނަށާއި އާންމުކޮށް އެންމެހައި އަހުންނާއި އުހްތުންނަށް އެ ޖަމިއްޔާއިން ނަސޭހަތްތެރިވާކަމަށެވެ.

ސަލަފުން މިހެން ބުނެފައިވާއިރު މިދިޔަ ހަފްތާ ބަންދުގައި ސަލަފާއި ގާސިމް ސަން އައިލެންޑްގައި ބައްދަލުކުރިކަމުގެ ވާހަކަ ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް