ރޯދަ އާއި އަޅުކަން : ކީރިތި ޤުރުއާން ކިޔަވައި އެއާއި މެދު ވިސްނާ ފިކުރުކުރުން

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صل...

26 Mar 2023 | 06:00

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފައެވެ.

އިންސާނާ މިދުނިޔެއަށް ފޮނުއްވުމަށްފަހު އުޅެންވީގޮތާއި ނޫޅެންވީގޮތްވަނީ އަންގަވާފައެވެ. އަދި ކޮންމެ އިންސާނަކަށްވެސް އޭނާގެ ޙަޔާތް ވޭތިކުރާނެ ގޮތުގެ ފުރިހަމަ އިޚްތިޔާރުލިބިގެން ވެއެވެ. އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާއްވާލެއްވި ކީރިތި ޤުރުއާނާއި އެމާތް ނަބިއްޔާގެ ސުންނަތުގައި ހިފައިފި މީހަކު ގެއްލި ހަލާކުވެ ނުދާނެކަން ޔަޤީނެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާއްވާލެއްވި ކަލާމްފުޅާއި މެދު ވިސްނާ ފިކުރުކުރުމަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

(أَفَلَايَتَدَبَّرُونَالْقُرْآَنَأَمْعَلَىقُلُوبٍأَقْفَالُهَا) [سورةمحمد٢٤]

މާނައީ : “ފަހެ ޤުރުއާނާއި މެދު އެބައިމީހުން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ. ނުވަތަ އެބައިމީހުންގެ ހިތްތަކުގައި ތަޅުތަކެއް ލެވިފައި ވަނީ ހެއްޔެވެ.”

އެހެންކަމަށް ވީހިނދު މި އަމުރުފުޅު ތަންފީޒުކުރެވޭތޯ އެބަ ބަލަންޖެހެއެވެ. އެއިލާހުގެ މި ކަލާމްފުޅުގެ އެންމެހާ އާޔަތްތަކާއި މެދު ވިސްނާ ފިކުރުކޮށްފި މީހަކަށްވެސް އެއިލާހުގެ ކުޅަދުންވަންތަކަމުގެ އަލިގަދަ އެތައް ހެކިތަކެއް ފެނިގެން ދާނެއެވެ.

ހަމަކަށަވަރުން ޤުރުއާން ބާއްވާލެއްވިފައިވަނީ އޭގައި ވާ ގޮތަށް ޢަމަލު ކުރުމަށެވެ. ނަމަވެސް މީސްތަކުން އެފޮތަށް ޢަމަލުކުރުން ކަމުގައި މި ހެދީ ހަމަ އެކަނި އެ ފޮތް ކިޔަވާލުން ކަމުގަ އެވެ.”

އަޅުގަނޑުމެންގެ ޙާލަކީ ކޮބައި ތޯއެވެ؟ އަޅުގަނޑުމެން އެޤުރުއާނާއި އެއްގޮތަށް ޢަމަލު ނުކުރާ ޙާލު އެ ޤުރުއާން ނުވެސް ކިޔަވަނީއެވެ. އެހެންކަމަށް ވީ ހިނދު ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި އެބަ ސުވާލުކުރަން ޖެހެއެވެ. އަޅުގަނޑުމެން ޙަޔާތުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު މި ޤުރުއާން އެއްކޮޅުން އަނެއް ކޮޅަށް ކިޔުނީ ކިތަށް ފަހަރު ތޯއެވެ؟ މިފަދަ މާތް އެހެން ފޮތެއް ނުވާ ހިނދުގައި މިފޮތުން ދަސްކުރެވުނީ ކިހާމިންވަރެއްތޯއެވެ؟

އަޅުގަނޑުމެންގެ މައްޗަށް ބާއްވާލެއްވުނު ޤުރުއާން ކިޔެވުން އެއީ ހަމައެކަނި ރޯދަމަހަށް ޚާއްޞަކަމެއް ގޮތުގައި ނުހަދާށެވެ. ނުވަތަ ހަމައެކަނި ހިތާމައެއް، މުޞީބާތެއް ޖެހުމުން ކިޔާލެވޭ ފޮތެއްކަމުގައި ނަހަދާށެވެ. މިއަދުން ފެށިގެން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަންވީ ޙަޔާތުން ދުވަހެއް ނިމިގެން ދާއިރުގައި މަދުވެގެން ކިތަންމެ ކުޑަ މިންވަރެއްނަމަވެސް ޤުރުއާނުން ކިޔެވުމަށެވެ.

އަދި އެ ކިޔަވާ މިންވަރެއްގެ މާނަ ބަލައި އާޔަތުގައި ބުނާ އެއްޗަކަށް ވިސްނާ ފިކުރު ހިންގުމަށެވެ. އެއީ ޞަފުޙާއެއް ކަމުގައި ވިޔަސް ނުވަތަ ސޫރަތެއް ކަމުގައި ވިޔަސް ހަމަ އެންމެ ރަނގަޅެވެ. އަޅުގަނޑުމެން މުސްލިމުން މިޤުރުއާނާއި މެދު ވިސްނާ ފިކުރު ނުކޮށް އަދި މިއާއި އެއްގޮތަށް ޢަމަލުނުކުރާނަމަ އަޅުގަނޑުމެންނެކޭ ޣައިރު މުސްލިމުން ނެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އަޅުގަނޑުމެން މި ފޮތަށް ޢަމަލުނުކުރާނަމަ ދެން މިފޮތަށް ޢަމަލުކުރާނީ ވަކި ކޮންބައެއް ހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް