އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން އިއްޔެ ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއިން ހައްޔަރު ކުރި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި އެވެ.
އިއްޔެގެ މުޒާހަރާއަކީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. އިއްޔެގެ މުޒާހަރާއިން 17 މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާގައި ވިދާޅުވީ ދެ މެމްބަރުން މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. ޖއެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް ހީނާ ވިދާޅެއް ނުވެ އެވެ.
ގައްސާނާއި ސައީދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް އިދިކޮޅުން ބުނެ އެވެ. ހައްޔަރުކޮށްގެން ގައްސާނާއި ސައީދު އިއްޔެ ގެންދިޔައީ ދޫނިދޫއަށެވެ.
އިއްޔެ މުޒާހަރާ އިދިކޮޅުން ބޭއްވީ ފުލުހުންނާއި އީސީން އެ މުޒާހަރާ ނުބާއްވަން އިންޒާރު ދީފައި ވަނިކޮށެވެ.
އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްލި އިތުރު މީހުންގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް