މާލޭ ގެއެއްގައި ވަޅުލާފައިހުއްޓާ އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރުމުން ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން އަހުމަދު ހުސެއިން ވަކިކޮށްފި އެވެ.
އަހުމަދަކީ އެ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި ދެ ވަނަ މީހާ އެވެ. އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަ ކޮށްފަ އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލް މެމްބަރު ކަމުން ވަކި ކުރުމުގެ އިތުރުން ޕާޓީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ބަޔާނުގައި ވަނީ ތުހުމަތު ކުރެވޭ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނަމަ ގާނޫނާއި އެއްގޮތަށް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
ޕީޕީއެމްއިން ބުނީ އަހުމަދާއި މެދު އެޅި ފިޔަވަޅަކީ ޕީއެންސީގެ އަސާސީ ގަވައިދުގައި ވާގޮތުގެ މަތިން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލުކަމަށް ބުނެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައިގަ އަހުމަދު ހައްޔަރު ކުރީ އިއްޔެ ރެއިން ފެށިގެން ފިލައިގެން އުޅެނިކޮށް ކަމަށެވެ. އަދި މިއީ މި މައްސަލައިގަ ހިމެނޭ އެންމެ މުހިންމު މީހާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް