އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރް ރަސްމީ ދަތުރުފެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ ރާއްޖެއަށް ކުރައްވާ ރަސްމީ ތިން ވަނަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ20 ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން ބުނީ އޭނާގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ޕޮލިސް އެކަޑަމީ ނުވަތަ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ތަން ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އައްޑޫ ސިޓީއަށް ވަޑައިގެންނަވާނެ އެވެ.
ޖައިޝަންކަރުގެ ދަތުރުފުޅުގައި އައްޑޫއަށް ވަޑައިގެންނަވާނީ މިރޭ7:15 ގައި އެވެ. މިއީ ބޭރު ގައުމެއްގެ އިއްޒަތްތެރިއަަކު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވެރިރަށް މާލެއިން ބޭރުގައި މަރުހަބާ ކިޔާނެ ފުރަތަމަ ފަހަރެވެ.
އޭނާގެ ދަތުރުފުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ ދެމެދު ހާރިޖީ ވާހަކަތައް ބޭއްވުމަށްފަހު ދެގައުމުގެ ސަރުކާރުގެ ދެމެދު ރަސްމީ ވާހަކަތައް މިރޭ ބާއްވާނެ ކަމަށް ބުންޏެވެ.
ރަސްމީ ވާހަކަތަކަށްފަހު ގުޅުން ބަދަހިކުރުމާ ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، ޖައިޝަންކަރު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވަންވެސް ވަނީ ހަމަޖެހިފަ އެވެ.
ޕޮލިސް އެކަޑަމީގެ އިތުރުން އިންޑިއާގެ އެހީގައި އައްޑޫގައި އަޅާފައިވާ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއު ފެށޫމުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް