ސިޔާސީ އިދިކޮޅު ކޯލީޝަނުން އިއްޔެ ކުރިއަށްގެންދިޔަ "ނޭވާހޮޅިއަށް" މުޒާހަރާ ކުރިއަށްދިޔަ ވަގުތު ނޫސްވެރިންނަށް ފެނުނު ގޮތް ނޭނގޭ މީހާއަކީ ކާކުކަން ފުލުހުން ބުނެދީފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ އެއީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބަހާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ.
"މުޒާހަރާގައި މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކު" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ބައެއް ނޫސްތަކުން މި މުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރިގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތުލިބިފައިވާކަމަށެވެ.
އިއްޔެގެ މުޒާހަރާއަަށްފަހު ސޯޝަލް މީޑިއާގައި މި މީހެއްގެ ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވެގެން ގޮސްފައިވެއެވެ. އެގޮތުން ގޮތް ނޭނގޭ އެމީހާ ފުލުހުންގެ ވެހިކަލެއްގައި އިނދެ ފުލުހުންނަށް ކޮމާންޑުދެމުންދިޔަ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ އެމްބިއުލާންސެއްގެ ކައިރީގައި މި މީހާ ފުލުހަކާ ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ.
އެމީހަކީ ކާކުކަން ފުލުހުން ބުނެފައިވީނަމަވެސް އެމީހާ ނިސްބަތްވަނީ ކޮން ގައުމަކަށްކަން ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް