މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފް ކޮށްލާ ކުޑަކުޑަ ލޯބި ކަންކަމަށް އަދިވެސް ބޮޑު ސަމާލުކަމެއް ލިބެ އެވެ.
ސަބަބަކަށް ވެފައި އޮންނަނީ ކައިވެނި ކުރުުމުގެ ކުރިން ދެ އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުވެސް ދެމީހުން އެއްކޮށް ތަންތަނުން ނުފެނުމެވެ. ވަރަށް ސިއްރުން ލޯބީގެ ގުޅުން ބޭއްވި ދެމީހުން ކައިވެނި ކުރުމާއި ހިސާބަށް ދެމީހުން ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.
ކައިވެންޏަށް ފަހު ދެމީހުން ސޯޝަލް މީޑިއާއިން ވާ ލޯތްބާއި ދިރިއުޅުމުގެ ހާއްސަ ކަންކަން ފާހަގަ ކުރެ އެވެ. އަދި ދެމީހުންގެ ހުރި ހުނަރުވެރިކަމުގެ ވާހަކަ ދައްކަ އެވެ.
އެ ވާހަކަތައް ނޫސްތަކަށް ކޮންމެ ދުވަހަކުހެން އަރައެވެ. ކެޓްރީނާ އާއި ވިކީ އާންމު ތަނަކުން އެއްކޮށް ފެނުނަސް އެ ވަނީ އަދިވެސް އިންޑިއާ މީޑިއާއަށް އާ ކަމަކަށެވެ.
މިފަހަރު ނޫސްތަކަށް އަރައިގެން އުޅެނީ ދެމަފިރިން އެކުގައި ބަތަލް ފަރްހާން އަހްތަރުގެ ގެއަށް ދިޔަ ވަގުތު ތިބި ގޮތުންނެވެ. މާޖެހި ކުރު ހެދުމެއް ލައިގެން ކެޓްރީނާ ހުރި އިރު ވިކީ ހުރީ ހުދުކުލައިގެ ގަމީހެއް ލައިގެންނެވެ.
ދެމަފިރިން ނޫސްވެރިންނާއި ޕަޕާރާޒީންގެ ކުރިމަތީ އެގެއަށް ވަނީ އަތުގުޅުވާލައިގެން ހީލައިގެން ވަރަށް ލޯބިން ތިބެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ މަންޒަރުން ދެމަފިރިން އެކަކު އަނެކަކުދެކެ ވާ ލޯބި ހާމަވާ ކަމަށާއި އެ ދެމީހުން ޖޯޑު ވަރަށް ގުޅޭ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގައި ދެމީހުން އާއިލާ އާއި އެކު ރެސްޓޯރެންޓަކަށް ކެއުމަކަށް ދިޔުންވެސް ބޮޑު ހަބަރަކަށް ވިއެވެ. އެ ރޭ ކެއުމުގައި ބައިވެރިވީ ދެމަފިރިންނާއި ކެޓްރީނާގެ މަންމަ އާއި ވިކީގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ އަދި އެކްޓަރު ސަނީ ކައުޝަލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް