މިހާރު ފެތުރެމުން އަންނަ އެޗް1އެން1 އިންފްލުއެންޒާ ރޯގާގެ ވެކްސިން އޭޑީކޭ ހޮސްޕިޓަލުން ޖަހައިދެމުން އަންނައިރު އެކަން ކުރަމުން އަންނަނީ ވެކްސިން ގަންނަން ލިބޭ އަގުގައި ކަމަށާއި އެކަމުގައި އެއްވެސް މަންފާއެއް ނުހިމެނޭކަމުގައި އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
އޭޑީކޭއިން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއަދު ކުރިމަތިވެފައިވާ އިންފްލުއެންޒާ (އެޗް1އެން1) ގެ ނުރައްކާތެރި ހާލަތާ ގުޅިގެން، އިންސާނީ ހިދުމަތެއްގެ ގޮތުގައި މި ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން މި ރޯގާ ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެން މިދަނީ ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"އެގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުން މި ހޮސްޕިޓަލުގެ މުވައްޒަފުންގެ ހުރިހާ ޗުއްޓީތަކެއް ވަގުތީގޮތުން މެދުކަނޑާލެވުނެވެ. އަދި ރަސްމީ ޑިއުޓީގެ އިތުރުން ގިނަވަގުތުތަކެއްގައި މި ހޮސްޕިޓަލުގެ މުވައްޒަފުން ދަނީ ހީވާގިކަމާއެކު މި ހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތްކުރަމުންނެވެ. ހަމައެހެންމެ، މި ހޮސްޕިޓަލުގެ އެންމެހައި މެޑިކަލް ސްޓާފުންގެ އެއްބާރުލުމާއެކު، ފްލޫ ކްލިނިކަކާއި މޯބައިލް ފްލޫ ކްލިނިކަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި މި ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމާއި ބޭސް ފޯރުކޯށްދިނުމުގެ ހިދުމަތްވާނީ ގިނަ އަދަދެއްގެ ބަޔަކަށް އެއްވެސް އަގަކާނުލައި ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ އެކިއެކި ޖަމިއްޔާތަކުގެ ދަރުމަވެރިންނާއި އެހެނިހެން ފަރާތްތަކުން އެބޭފުޅުންގެ އަގުހުރި ވަގުތުތައް މިކަމަށް ގުރުބާންކޮށް މި ހާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންނާއެކު މި މަސައްކަތުގައިވަނީ ބައިވެރިވެފަ އެވެ." އޭޑީކޭގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންފްލުއެންޒާ (އެޗް1އެން1) ރޯގާގެ ހާލަތު ސަރުކާރުން ހާމަކުރުމާއެކު މި ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުފައިސާ ލިބުމުގެ ދަތިތަކާއެކުވެސް، އަވަސް މުއްދަތެއްގައި މި ވެކްސިން ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފެށީ ކަމަށާއި މި ހޮސްޕިޓަލުން ވެކްސިން ހޯދައި ރައްޔިތުންނަށް ވެކްސިން ޖަހައިދެމުންދަނީ ވިޔަފާރީގެ އެއްވެސް މަންފާއެއް ނުހިމަނާ ވެކްސިން ގަންނަންލިބޭ އަގުގައިކަން ފާހަގަކުރާ ކަމަށެވެ. އަދި އިންފްލުއެންޒާ (އެޗް1އެން1) ގެ މި ހާލަތުން އަރައިގަތުމަށްޓަކައި މި ހޮސްޕިޓަލުން އެއްވެސް ފައިދާއެއްނެތި ހިދުމަތް ދެމުންދަނީ މި ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ކަމަށާއި ކަންމިހެން އޮތް އިރު މިކަން އޮޅޭފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދާތީ އެކަމާ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ދަނޑިވަޅެއްގައި މި ހޮސްޕިޓަލުގެ މުވައްޒަފުން އެބޭފުޅުންގެ އަގުހުރި ވަގުތުތައް ހޭދަކުރަމުންދާތީ އެ ބޭފުޅުންގެ އަގުހުރި ވަގުތުތައް ހޭދަކުރަމުންދާތީ، މި ފުރުސަތުގައި އެބޭފުޅުންގެ ބުރަ މަސައްކަތް އަޅުގަނޑުމެން ފާހަގަކޮށް އެކަމަށްޓަކައި ނިހާޔަތައް ޝުކުރު ދަންނަވާ ކަމަށާއި އަދި އަޅުގަނޑުމެންގެ ފަރާތުން ހިދުމަތް ހޯއްދެވުމުގައި އާއްމު ފަރާތްތަކުން ކެތްތެރިކަމާއެކު ތިޔަ ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް އެކަމަށްވެސް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މުސްތަގުބަލުގައިވެސް މިފަދަ ހާލަތއް މެދުވެރިވެއްޖެނަމަ މާތް ﷲގެ ވާގިފުޅާއެކު އެކަމަކުން އަރައިގަތުމަށްޓަކައި ދިވެހިރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް