އެޗް1އެން1 އާއި ގުޅިގެން ސަމާލުވުމުގެ ލެވެލް އަކީ ތިނެއްކަމަށް މީގެ ކުރިން ކަނޑައަޅާފައިވާއިރު އަދި އެ ލެވެލް އަދިވެސް ދަށްކޮށްފައިނުވާއިރު އެ ލެވެލް އާ ސްކޫލްތައް ބަންދުކުރުމާ އެއްވެސް ގުޅުމެއް ނެތްކަމަށާއި ރޯގާއާއި އިންފްލުއެންޒާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ބަޔާނެއްގަ އެވެ.
"ދިވެހިރާއްޖޭގައި ފެންނަމުންދާ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ރޯގާ ފެތުރުން ހިފެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި ދައުލަތުގެ އެކި މުއައްސާތަކާއި، އަމިއްލަ ފަރާތްތަކާއި އާންމު ފަރާތްތަކާއި އާންމު ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެގޮތުން، މާތް ﷲގެ ހެޔޮ ރަހުމަތްފުޅާއެކު އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާގެ ޙާލަތު އަންނަނީ ރަނގަޅުވަމުންނެވެ." އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ރޯގާ ފެތުރުން ހިފެހެއްޓުމަށްޓަކައި ކުރުމަށް ބޭނުންވާ ހުރިހާ ކަންތައްތައް މިދަނީ ކުރަމުން ކަމަށާއި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. އަދި ފްލޫ ކްލިނިކްތަކަށް އަންނަ މީހުންގެ އަދަދުވެސްވަނީ ދަށަށް ގޮސްފަ އެވެ. މިކަމާގުޅިގެން ބައެއް ފްލޫ ކްލިނިކްތައްވަނީ ބަންދުކުރެވިފައި ކަމަށެވެ.
"މާލޭގައި ފުރަތަމަ ރޯގާ ފެތުރެންފެށި ދުވަސްވަރު ދުވާލަކު 1098 މީހުން ޑޮކްޓަރަށް ދައްކާފައިވީނަމަވެސް 24 މާރިޗް 2017 ގައި ޑޮކްޓަރަށް ދައްކާފައިވަނީ 257 މީހުންނެވެ. މިހާރު މާލޭގައި އެޑްމިޓް ކޮށްގެން ރޯގާއަށް ފަރުވާދެމުންދާ މީހުންގެތެރެއިން އެޗް1އެން1 ޕޮޒިޓިވްވި މީހުންގެ އަދަދަކީ 26 އެވެ. އަދި އަތޮޅުތެރޭގައި އެޑްމިޓް ކޮށްގެން ރޯގާއަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން އެޗް1އެން1 ޕޮޒިޓިވް މީހުންގެ އަދަދަކީ 5 އެވެ. " ބަޔާނުގައި ބުފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންފްލުއެންޒާފަދަ ވައިރަލް ރޯގާ ކޮންޓްރޯލްކޮށް އިތުރަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތްތައް ތަރުތީބުކުރުމަށް ތަފާތު ލެވެލްތައް ކަނޑައަޅާފައި ހުންނަ ކަމަށާއި ރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ލެވެލް ތިނަކީ އެގޮތުން މިމިނިސްޓްރީގެ ދަށުން ހިންގާ އެކި މުއައްސަސާތަކުން ރޯގާ ފެތުރުން މަދުކުރުމުގެ މަސައްކަތް ހިންގުމަށް ކަނޑައެޅިފައިވާ މިންގަނޑެއް ކަމަށެވެ. އަދި ސްކޫލު ބަންދުކުރުމާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އާއްމު ސާފުތާހިރުކަން ދަމަހައްޓައި، ރޯގާ ޖެހިފައިވާ މީހުންނާއި ކުދިން ބޭރަށް ނުކުމެ އުޅުން މަދުކުރެއްވުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް