އެޗް1އެން1ގައި މިހާތަނަށް ފަސް މީހަކު ނިޔާވެފައިވާއިރު، މާބަނޑުމީހާގެ ބަނޑުގައިވާ ދަރިއާއެކު ހަ ފުރާނަ ގެއްލިފައިވާއިރު، އެލާޓް ލެވެލް އަދިވެސް ދަށް ކޮށްފައިނުވާއިރު މިއަދު ސްކޫލުތަކުގެ ކިޔެވުން ފެށި ނަމަވެސް ކޮންމެ ސްކޫލަކަށްވެސް ކިޔަވަން ގޮސްފައިވަނީ އިނގިލި ކުރިން ގުނާލެވޭހާ މަދު އަދަދެއްގެ ދަރިވަރުންނެވެ.
ބެލެނިވެރިންގެ ސުވާލުތަކާއި ކަންބޮޑުވުންތައް ބަންޑުން ކޮށްލަނީ ސޯޝަލް މީޑިއާގައްޔާއި މީޑިއާތަކަށެވެ. މިކަމުގެ ޖަވާބެއް ލިބޭތޯ ނޫސްވެރިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެޑިއިކޭޝަން މިނިސްޓްރީއަށް ހަމަ ކަހާތާ ހިރުވާލާހެންވެސް ހީނުވާކަހަލަ އެވެ.
މިނިސްޓްރީތަކުން އެކި އެކި މީޑިއާތައް ހިމެނޭގޮތަށް ވައިބަރ ގްރޫޕްތައް ހަދާ އެ ގްރޫޕްތަކުގައި މީގެ ކުރިން އަޕްޑޭޓްސްތައް ދެމުން ދިޔަ ނަމަވެސް މިކަމާއި ގުޅިގެން އިއްޔެއިންސުރެ މީޑިއާތަކުން ކުރަމުން އަންނަ ސުވާލުތަކަށް ހަމަ އެއްމެ ޖަވާބެއްވެސް ނުލިބެވެ. ފޯނަކަށް ޖަވާބުދެނީކީ ނޫނެވެ. އޮޅުމަކުން ފޯނު ނެންގެވި ނަމަވެސް ކަނޑާލަނީ އެވެ. އަދި ފޯނު ނަގާ މީހެއް ނަމަ ވިދާޅުވަނީ ސުވާލަށް ޖަވާބުދެވެން ނެތް ކަމަށެވެ. މެސެޖެއް ކުރިއްޔާ ރިޕްލައިއެއް ކުރަނީކީ ނޫނެވެ. ވައިބަރ ގްރޫޕްތަކުން ސީން ކުރި ނަމަވެސް ޖަވާބެއް ދޭކަށް ބޭނުމެއް ނުވެ އެވެ.
މި ހާލަތުގައި މިނިސްޓްރީން ޖަވާބުދާރީވާން ނުޖެހޭތޯ އެވެ؟ ކަމުގެ ހަގީގަތް ނޫސްވެރިންނަށާއި އަދި ނޫސްވެރިންނާއި ނޫސްތައް މެދުވެރިކޮށް އާއްމު ރައްޔިތުންނަށް އެނގެން ޖެހެ އެވެ. މަގާމުތަކުގައި ތިބެނީނަމަ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް