މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށ ގެންދާ މުޒާހަރާތަކުގައި ވިޔަފާރިތަކަށް ގެއްލުންވާތީ ކަމާބެހޭ ފަރާތްތަކާއެކު ކުއްލި ބައްދަލުވުމެއް ފުލުހުން ބާއްވައިފި އެވެ.
ފުލުހުން ބުނީ ސިލްސިލާކޮށް ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންދާ އެއްވުންތަކުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާއްމު ދިރުއުޅުމަށާއި، ވިޔަފާރިކުރާ ފަރާތްތަކަށް ތަކުރާރުކޮށް ލިބެމުންދާ އަގުނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ތަކުރާރުކޮށް ޝަކުވާ އުފުލައި، އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެދެމުންދާތީ ޤާނޫނުގެ ތަރަހައިގެ ތެރެއިން އެކަންތައްތައް ހުއްޓުވުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ފުލުހުން ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ.
އެގޮތުން މިއަދު ހަވީރު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުންނާއެކު ވަކިވަކިން އެ ތަންތަނުގެ އިދާރާތަކުގައި ފުލުހުންގެ އެދުމުގެ މަތިން ކުއްލި ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މަޝްވަރާތަކުގައި މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ސުލްހަވެރިކަމުގެ ރޫޙު ގެއްލި ޢާއްމު ރައްޔިތުންނަށާއި ވިޔަވާރިވެރިންނަށް ބޮޑެތި ގެއްލުންތައްވެ، އަމަން ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންދާ ފުލުހުންނާ ސީދާ ދިމާކޮށް ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަންނަށް މަސައްކަތް ކުރަމުންދާކަން ޗީފް އެސްޕީ އިސްމާޢީލް ނަވީން ފާހަގަކުރެއްވި ކަމަށާއި އޭގެ އިތުރުން އެ އެއްވުންތަކުގައި ޢާއްމު ރައްޔިތުންނަށް ޙާޤީޤަތް އޮޅޭގޮތަށް ވާހަކަތައް ދައްކައި ނުރައްކާތެރި ކަންތައްތަކަށް ހިތްވަރުދީ އެފަދަ ކަންތައްތައް ކުރުމަށް ގޮވާލަމުންދާކަމަށްވެސް ޗީފް އެސްޕީ އިމާޢީލް ނަވީން ވިދާޅުވި ކަމަށް ފުލުހުން ބުނެ އެވެ.
އަދި މި އެއްވުންތައް މިހާރު ބާއްވަމުންދާ ވަގުތަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ މުހިއްމު ވަގުތުކަމަށްވާއިރު، ކޮންމެ ރެއަކު ސިލްސިލާކޮށް މި އެއްވުންތައް މަޖީދީމަގާ އެނޫނަސް ވިޔަފާރީގެ މުހިއްމު ސަރަޙައްދުތަކުގައި ބޭއްވުމުން މަގުތައް ބަންދުވެ، އެއްގަމު ދަތުރުތަކަށް ހުރަސްއެޅި، ހިނގާ ބިގާވުމަށާއި ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މާލޭގެ އެކިސަރަޙައްދުތަކަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަމަށާއި މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަންމަށްވެސް ބުރޫއަރައި މިކަންކަން ތަކުރާރުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާކަމަށް ޗީފް އެސްޕީ ނަވީން ވިދާޅުވިކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިހާރު ބާއްވަމުންދާ އެއްވުންތަކުގެ ސަބަބުން އަމަން ބެލެހެއްޓުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތައްތަކަށް ބުރޫއަރަމުންދާ ކަމަށާއި އެހެންކަމުން މިހާރު ފުލުހުން އަންގާފައިވާ ގޮތާ ޚިލާފަށް، 23:00 ގެ ފަހުން އަޑުގަދަކުރާ ބޭނުންކުރުމާއި 00:00 ގެ ފަހުން އެއްވުން ކުރިއަށް ގެންދިއުން މިރޭ ތަކުރާރުކޮށްފިނަމަ ދެން މި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ނުދޭން ވިސްނާފައިވާކަމަށްވެސް ޗީފް އެސްޕީ އިސްމާޢީލް ނަވީން ވިދާޅުވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް