ބިދޭސީން މުޒާހަރާއަށް ނުކުތުމަކީ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ދިނުމަށް ރޭވިގެން ހިންގާ އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓްރީ ތުހުމަތުކޮށްފި އެވެ.
ބިދޭސީންނަށް ލިބެމުންދާ އަނިޔާތަކާއި ގުޅިގެން އަންނަ ހުކުރު ދުވަހު މާލޭގައި މުޒާހަރާއެއް ކުރުމަށް ބިދޭސީންތަކެއް އިސްވެ ރާވާފައިވާތީ އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވޯކް ވިސާ ދޫކޮށްފައިވާ ބިދޭސީން އެގޮތަށް މުޒާހަރާއަށް ނުކުތުމަކީ ދޫކޮށްފައިވާ ހުއްދައާ ހިލާފު އަމަލެއް ކަމަށެވެ. ހަމައެހެންމެ އެއީ އިގްތިސާދަށް ގެއްލުން ދިނުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ މުޒާހަރާ ކުރުން ފަދަ ކަންކަމުން "ދުރުހެލިވެތިބުމަށް" ބިދޭސީންނަށް ގޮވާލާފަ އެވެ. މިނިސްޓްރީގެ އިތުރުން ހުކުރު ދުވަހު ބޭއްވުމަށޤ ރާވާފައިވާ މުޒާހަރާގައި ބައިވެރިވާނަމަ އެ ބިދޭސީންގެ ވޯކްޕާމިޓް ހުއްދަ ބާތިލް ކުރާނެކަމަށް އިމިގްރޭޝަނުން ބުނެފަ ވެއެވެ.
ފަހަކަށް އައިސް ކޮންމެ ރެއަކު ހިންގާ މާރާމާރީތަކުގައި ބިދޭސީންތަކެއް ޒަމްކޮށްލާފައިވާ އިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ބިދޭސީއަކަށް ހަމަލާދީ މަރާލާފަ އެވެ. އަދި ހޯމަ ދުވަހު ވެސް ވަނީ ޒަހަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީއަކު ތޮއްޑޫން ފެނިފަ އެވެ.
ބިދޭސީން އިސްވެގެން ބާއްވަން ނިންމާފައިވާ މުޒާހަރާއަށް އަންގަމުންދަނީ އެސްއެމްއެސް މެދުވެރިކޮށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް