އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ނުލެނބޭނެކަމުގެ ޔަޤީންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހި ރައްޔިތުންނަށް ދީފިއެވެ.
އެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެ ކޮމިޝަނުން ދީފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތުކޮށް މި ކޮމިޝަނަށް ހުށަހެޅި، ތަޙުޤީޤުކުރަމުންގެންދާ މައްސަލައާ ގުޅިގެން ކަމަށްބުނެ ނެރެފައިވާ އެ ނޫސްބަޔާނުގައި ފަނޑިޔާރުންނަށް ތުހުމަތުވާ މައްސަލައެއް ބަލަމުން އަންނަކަން ނުވަތަ ނޫންކަން ބުނެފައެއް ނުވެއެވެ.
ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ ޢަމަލެއް، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ މި ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަން ކަށަވަރުކޮށްދޭ ކަމަށް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެރި ރައްޔިތުންނަށް އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް