މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު ދެމީހަކާއެކު މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި ސިމާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ކުރިން ބުނެފައިވާގޮތުގައި މި މަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނުވަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަނގުރާ ފެނުނު މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ ތިން މީހެކެވެ. އެއީ އެ ރަށު ތުނޑީ އަވަށު، މިލާނޯ، އުމުރުން 28 އަހަރުގެ މުޙައްމަދު ރިޝްފާނާއި ހަމަ އެރަށު މަތިމަރަދޫ އަވަށު، ރިޔާޟު، އުމުރުން 23 އަހަރުގެ ޙުސެއިން ޝިޔާންގެ އިތުރުން އެ ރަށު ތުނޑީ އަވަށު، ފީނިވިލާ، އުމުރުން 29 އަހަރުގެ ސިމާނާ އެވެ.
"މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދަޅަކާއި 5 ރަބަރު ޕެކެޓުގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވޭ" ފުލުހުން ކުރިން ބުނެފައިވެއެވެ.
މި މައްސަލައިގާ ކުރިން ރިޝްފާން އާއި ޝިޔާން ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖެހި ނަމަވެސް އޭރު ޝިމާނާގެ ބަންދަށް ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ.
އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު މިހާރު ވަނީ 10 ދުވަހަށް ދަންމާލާފައެވެ.
އެ ކޯޓު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ތުހުމަތު ތަކަށް ބަލާއިރ، އޭނާގެ މައްޗަށް ޖިނާއީ ބޮޑު ކުށްތަކެއް ތުހުމަތު ކުރެވެއެވެ.
ފެނިފައިވާ މަސްތުވާތަކެއްޗާއި ޝިމާނާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ޝިމާނާ ބުނާ ކަމަށާއި ޝިމާނާއަކީ އެ ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ ފަރާތެއް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ވަކީލުގެ ފަރާތުން ބުނެފައިވާކަމުގައިވެސް އިތުރު ބަޔާނުގައި ބުނެފައިވެއެވެ.
ޝިމާނާ އެތަނުގެ ކުލި ދައްކާކަމަށް ހެއްކަކު ބަޔާން ބަޔާން ދީފައިވާކަމަށް ފުލުހުން ފަރާތުން ބުނެފައިވާކަމަށާއި އަދި އެކަންކަން ކަށަވަރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް