ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް ބަދަލުވާގޮތަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހަށް ނެގި ވޯޓުގައި ބައިވެރި ނުވީ ފަނޑިޔާރުން ވަކިކުރަން ޚިޔާރު ކުރި މަގު ގޯސްކަމަށް ޤަބޫލުކުރެވޭތީ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ މެންބަރުގެ ލެޓަރހެޑުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އަޒާން ވިދާޅުވެފައިވަނީ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ހުރިނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮއްވައި އެމަގު އިޚްތިޔާރު ނުކޮށް، ކޯޓުތަކާއި ބެހޭ ޤާނޫނަށް އިޞްލާޙު ހުށަހަޅައި 2 ފަނޑިޔާރަކު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމަކީ ޤާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ނުދެކޭ ކަމެވެ.
"އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑީޔާރެއް މަޤާމުން ވަކި ކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ، އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާއި ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް ކުރެވިގެންދާ ކަމެއް ކަމަށްވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާޢީދު ނުކުރެވޭނެ" އަޒާން ވިދާޅުވެފައިވެއެވެ.
އަޒާން ވިދާޅުވެފައިވާގޮތުގައި ކޯޓުތަކާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިސްލާޙަށް ތާޢީދު ނުކުރަން ނިންމީ އަޅުގަނޑު އިންތިޚާބުކުރި ރައްޔިތުންނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި ކުރައްވަމުން ގެންދަވާ ދަޢުލަތުގެ ވަކީލުންނާއި އަދި ޕްރައިވެޓް ޕްރެކްޓިސްގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީޅުންނާއި ކުރީގެ ފަނޑިޔާރުން އަދި ޝަރުޢީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި އަދި މިހާރުވެސް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި، ދިވެހި ޤައުމަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުންވެސް އަޅުގަނޑަށް ދެއްވި މަޝްވަރާއާއި އެއްގޮތަށް ކަމަށެވެ. އަދި މި ބިލަކީ ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާޢީދު ކުރުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑު ރައްޔިތުންގެ ކުރިމައްޗަށް ހުއްޓިހުރެ ދިން ޔަޤީންކަމަކީ، ދާއިރާގެ ރައްޔިތުންގެ މަސްލަޙަތު އަދި ޤައުމުގެ މަސްލަޙަތު އިސްކުރާނެ ކަމުގެ ޔަޤީންކަން، ރައްޔިތުންނާއި ޤައުމީ މަސްލަޙަތަށްވުރެ އަޅގަނޑު އިސްކުރަންޖެހޭ މަސްލަޙަތެއް ނޯންނާނެކަމުގެ ޔަޤީންކަން" އަޒާން ވިދާޅުވެފައިވެއެވެ.
އަޒާން އިތުރަށް ވިދާޅުވެފައިވަނީ އަދިވެސް ހުންނެވީ ސަރުކާރަށް ތާޢީދުކުރާ މެންބަރެއްގެ ގޮތުގައި އައްޑޫއަށް ތަރައްޤީ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި ސަރުކާރުން އައްޑޫއަށް ވެފައިވާ ވަޢުދުތައް ނުފުއްދޭނަމަ ނުވަތަ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުނުކުރެވޭނަމަ ނުވަތަ ލަސްވާނަމަ ސަރުކާރާއި ދަޢުލަތުގެ މުޢައްސަސާތައް ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ފަސް އަހަރު ދުވަހަށް ރައްޔިތުން ހަވާލުކުރި މަސްޢޫލިއްޔަތު އެ ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވީ ގޮތަށް އަދާނުކޮށް އަނެއްކާވެސް ރައްޔިތުން ގާތަށް ވޯޓު ހޯދަން ދާ މީހަކަށް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް