ރޯދަމަހަށް ކަސްޓަމަރުންނަށް ލިބިގެންދާނީ ވަކި ބިލެއް ކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ މިއަހަރުގެ ރަމަޟާން މަހުގައި ވެސް ކަރަންޓު ބިލުން ލުއިތަކެއް ދިނުމަށްޓަކައި، ރޯދަމަހަށް ވަކި ޚާއްޞަ ބިލެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މިދިޔަ އަހަރެކޭ އެއްފަދައިން 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ކުރީގައި ބިލު ތައްޔާރުކުރުމަށް ރީޑިން ނެގުމަށް 12 ދުވަސް ނަގާތީ، 25 ދުވަހުގެ ތަފާތެއް އަންނަ ކަމަށާއި، އޭގެ ސަބަބުން މިދިޔަ އަހަރު ބައެއް ގޭބިސީތަކަށް ދެމަހުގެ ބިލުން ޑިސްކައުންޓް ދޭން ޖެހުނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، މިއަހަރު ރޯދަމަހުގެ ފުރަތަމަ އަދި އެންމެފަހު ދުވަހު ރީޑިން ނަގައި، މުޅި މަހަށް ވަކި ޚާއްޞަ ބިލެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.
ޑިސްކައުންޓް ދިނުމުގައި ބަލާނީ ފާއިތުވި އަހަރުގެ ނުވަ މަހުގެ ކަރަންޓު ބޭނުންކުރި މިންވަރަށް ކަމަށާއި، އިތުރުވާ މިންވަރަށް ބަލައި ޑިސްކައުންޓް ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މީގެއިތުރުން، ސަރުކާރުން ވަނީ ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެކަން އިއުލާނުކޮށްފައެވެ. އަދި ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޫކުރުމުގެ މަސައްކަތް މާލެ އާއި ރަށްރަށުގައި ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް