އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާ ސިވިލިއަނުން ރާއްޖެ އައިސްފި

އައްޑޫގައި ގާއިމުވެތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާ ސިވިލިއަނުން މިއަދު ރާއްޖެ އައިސްފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާ...

26 Feb 2024 | 17:03

އައްޑޫގައި ގާއިމުވެތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާ ސިވިލިއަނުން މިއަދު ރާއްޖެ އައިސްފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބުމަކީ ދިވެހިން އެދޭކަމެއް ނޫންކަން ދިވެހިރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން ކަނޑައަޅާފައިވާތީ، ދިވެހިރާއްޖޭގައި ޤާއިމްވެތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށާއި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މާރިޗް 2024 ގެ ކުރިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ޑިޕްލޮމެޓިކް ރިވެތި ހަމަތަކުގެ މަތިން ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި އެއްބަސްވެ، ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ޤާއިމްވެތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ދިވެހިރާއްޖެއަށް އައިސްފައިވާކަމަށެވެ. އަދި މި ޓީމު މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ގޮސް ހޭންޑްއޯވަރ/ޓޭކްއޯވަރގެ ކަންކަން ފުރިހަމަ ކުރަން ފަށާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް އައްޑޫގައި ޤާއިމުވެތިވި އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާނެ ކަމަށެވެ.

"އައްޑޫގައި ތިބި އިންޑިއާ ސިފައިން ބައްދަލުވުމުގެ މަރުޙަލާތަކުގައި ހިމެނިގެން ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރ މަރާމާތައް އިންޑިއާއަށް ގެންދިއުމަށްޓަކައި، 27 ފެބްރުއަރީ 2024 އިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މި ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު 28 ފެބްރުއަރީ 2024 ވަނަ ދުވަހު އައްޑޫ ސިޓީއަށް އައުމަށް ވަނީ ހަމަޖެހިފައެވެ." ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން މިރޭ އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެހެން، ރަޚުމަތްތެރި ޤައުމުތަކާއެކު ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް