ވާހަކަ: ލޯބީގެ ހާދިސާ - އަށާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ކަލޭމެން ތީ ވަކި ރަހުމެއް ހަމްދަރުދީއެއް ހުރި ބައެއްތަ؟ އަހަރެންގެ މުޅި ދިރިއުޅުން ކަލޭމެން ޚަރާބުކޮށްލިއިރު އެއްވެސް އެއްޗެކޭ ހިތަށް އެރިތަ.. ކުށެއް ނެތް އަންހެންކުއްޖެއްގެ އ...

26 Feb 2023 | 18:26

ކުރީގެ އަދަދާއި ގުޅޭ...

"ކަލޭމެން ތީ ވަކި ރަހުމެއް ހަމްދަރުދީއެއް ހުރި ބައެއްތަ؟ އަހަރެންގެ މުޅި ދިރިއުޅުން ކަލޭމެން ޚަރާބުކޮށްލިއިރު އެއްވެސް އެއްޗެކޭ ހިތަށް އެރިތަ.. ކުށެއް ނެތް އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާ ރަހީނުކޮށްގެން ގެންގުޅޭއިރު ކުލުނެއް ރަހުމެއް ހަމްދަރުދީއެއް ނެތް.. ބަލާބަލަ އެފަކީރަށް ކޮށްލާފައި އޮތްވަރު.. " އަހަރެން ބުނީމެވެ.

"އެހުރިހާ ކަމަކަށް ޒިންމާވާން ޖެހޭނީ ހަމަ އިޒާން..!! ޒޭބާ މިރޭ މިދުނިޔެއަށް އަލްވަދާއު އެކިޔަނީ ހަމަ އިޒާންގެ ސަބަބުން.. ދެންވެސް އަހަރެންނަށް ބަލަން ނުހުރެ އެންމެ ފަހު ފަހަރަށް ޒޭބާއަށް ބަލާލާ.. އަހަރެންގެ ރަނގަޅުކަމުން ފުރުސަތު މިދެނީ އެންމެ ފަހު ފަހަރަށް ޒޭބާއަށް ކޮންމެވެސް އެއްޗެއް ބުނެލަން... " އިންތަނުން ތެދުވަމުން ނިމާލް ބުންޏެވެ. އަހަރެންގެ ދެލޯބޮޑުވިއެވެ. ނިމާލްއާ ދިމާލަށް ދެވުނީ އޭނާ ހިފަހައްޓާށެވެ. ޖިނާންއަށް ހެދި ގޮތް ޒޭބާއަށް ހަދާތަން ބަލަން އަހަރެންނަކަށް ނުހުރެވޭނެއެވެ. ނިމާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި އަހަރެން ހިފުމާއެކު ދެފަރާތުން ބަޔަކު އައިސް އަހަރެން ދުރުކުރުވިއެވެ. އޭރު ނުލަފާ ގޮތަކަށް ހެމުން ހެމުން ނިމާލް އެކޮޓަރިން ނިކުތެވެ. ދެން ފެނުނީ ދައްކަމުން ދިޔަ ވީޑިއޯއިން ޒޭބާ ކައިރިއަށް ނިމާލް ހުއްޓުނު ތަނެވެ. ޒޭބާވެސް ހުރީ އެގޭގައި ކަން އަހަރެންނަށް އެނގުނީ އެހިސާބުންނެވެ. އެކަން އެނގުނީ އެހިސާބަށް ނިމާލްއަށް ދެވުނުލެއް އަވަސްކަމުންނެވެ. ހުރިހާ ތަނެއް ބެލިއިރުވެސް އަހަރެންނަށް އެތަން ނުބެލުނުކަމާމެދު އަމިއްލަ ނަފްސަށް ކުދި ކިޔާލެވުނެވެ. ޒޭބާ ކައިރިއަށް ހުއްޓިހުރެ ނިމާލް އެނބުރި ކެމެރާއަށް ބަލައިލުމަށްފަހު ނުލަފާ ގޮތަކަށް ހީނލިއެވެ. އެއަށް ފަހު އޭނާގެ ޖީބުން ނެގި ވަޅި އަހަރެންނަށް ދައްކާލައިފިއެވެ. އަހަރެން އިންތަނަށް ގަނޑުވިހެން ހީވިއެވެ. ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ސިކުނޑީގައި ބުރުޖަހަން ފެށީ ނިމާލް ޖިނާންއަށް ހަދާލިގޮތެވެ. ހެމުން ހެމުން ގޮސް ނިމާލް ހުއްޓުނީ ޒޭބާގެ ފުރަގަހުގައެވެ. އަތުގައި އޮތް ވަޅި ޖެއްސީ ޒޭބާގެ ކަރުގައެވެ. ތެޅިގަންނާނެހާ ހިތްވަރެއްވެސް ޒޭބާގެ ނެތެވެ. ކުކުރާލި އަޑުއިވުނީވެސް ކިރިޔާއެވެ.

"ޒޭބާ؟ ލޯބިވާ އިޒާންއަށް އެންމެ ފަހުގެ ބަސް ބުނެލަން ބޭނުންތަ؟ " ޒޭބާގެ ކަންފަތް ދޮށުގައި ނިމާލް ބުންޏެވެ. ޒޭބާއަށް ވާހަކައެއް ނުދެއްކުނެވެ. ބަލަ ބަލާ ހުއްޓާ ނިމާލް ޒޭބާގެ ކަރުގައި ވަޅި އަޅުވާލައިފިއެވެ. އެހިނދު ޒޭބާގެ އަނގައިން ނިކުތީ ވޭނީ އަޑެކެވެ. އަޑުނެތްކޮޅަށް އަހަރެންނަށް ޒޭބާއަށް ގޮވައިލެވުނެވެ. އެހިސާބުން ޒޭބާގެ އަޑުވެސް ކެނޑިއްޖެއެވެ. ޒޭބާގެ އެއްވެސް ހަރަކާތެއް ނެތިފައިވާތަން ފެނި އަހަރެންނަށް ރޮއެ ގަނަވުނެވެ. ގައިން ވަރުދޫވެ މީހާ ހުރިތަނަށް ތިރިވާން ފެށުމުން އެމީހުން އަހަރެން ގައިން ދޫކޮށްލިއެވެ. އެހިސާބުން ވީޑިއޯވެސް ކެނޑިއްޖެއެވެ. އަހަރެން ރޯން އިންދާ ނިމާލް އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ.

"މިހެން މިވީ އިޒާން އަހަރެންގެ ކޮއްކޮއަށް ދިން ހިތްދަތިކަމެއްގެ ސަބަބުން.. " އަހަރެންނާ ދިމާލަށް ގުދުވެލަމުން ނިމާލް ބުންޏެވެ.

"ކަލޭ ހީކުރީތަ ޒޭބާ މަރާލީމަ އަހަރެން ކަލޭގެ ކޮއްކޮއާ އެއްކޮށް އުފަލުގަ އުޅޭނީ.. ނައުރާގެ މުޅި ޒިންދަގީ ހަރާބު ނުކޮށްފިއްޔާ އަހަރެންގެ ނަމަކަށް އިޒާންއެއް ނުކިޔާނެ.. " ޒޭބާގެ މަރާއެކީ އެމީހުން ދެކެ އަހަރެން ގަނެފައިވާ ބިރުވެސް ނެތިއްޖެއެވެ. ނިމާލްގެ އަހަރެންގެ ކަންފަތްފިލާ މަތީގައި އެތިފަހަރެއް އަޅުވައިލިއެވެ.

"އަދިވެސް ފުއްޕަނީތަ؟ ހަނދާން ނެތުނީތަ ޒޭބާގެ ވީޑިއޯތައް އަދިވެސް އަހަރެން އަތުގައި އެބަހުރި.. އިޒާންއަށް ނުފެންނަވެސް އެތައް ވީޑިއޯތަކެއް އެބަހުރި.. އަނެއްކޮޅުން ދެން އަހަރެންގެ ޝިކާރައަކަށް ހުރީ އިޒާންގެ މަންމައާއި ބައްޕަ.. އިޒާންވެސް ބޭނުންވަނީ އެމީހުން ނެތި ދާންތަ؟ ހާދަ ނުވިސްނެޔޭ ދޯ.. " ނިމާލް ބުންޏެވެ. އަހަރެން އިތުރު ބަހެއް ނުކިޔަމެވެ. ބުނެވޭ އެއްޗަކުން ރުޅި އައިސް ނިމާލް އަހަރެންގެ މަންމައާއި ބައްޕައަށް ގޮތެއް ހަދާފާނެތީއެވެ.

"ސައިޒުވީ ދޯ.. ދެންވެސް މާ ގަދަވެފަ ވާހަކަ ނުދައްކާނީ.. ފަހުދް މީނަ ގެންގޮސް ހޮސްޕިޓަލަށް ލާ.. ހޭއަރާއިރަށް އަހަރެންގެ ކޮއްކޮ ބޭނުންވާނީ މީނަ ހޯދަން.. އަނެއްކޮޅުން ކޮއްކޮއަށް ތަސައްލީއެއް ހޯދައިދެވޭނެ ހަމައެކަނި މީހަކީވެސް މީ.. އަހަރެން މިދަނީ ފެންވަރާ ތާޒާވެލަން.. ޒުހޫއަށް ލޭތައް ފެންނާކަށް އަހަރެން ބޭނުމެއް ނޫން.. " މިހެން ބުނެ މިހެން ބުނެ ނިމާލް އެތަނުން ނިކުތެވެ. ފަހުދް އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

"ބުނާނަން.. ޒުހުދާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. މުޅި ދުނިޔެއަށް ކަލޭ ފަލީހަތްކޮށްލާނަން.. މިއަދު އަހަރެން ހަނުހުރީމަ ހީނުކުރާތި ބިރުގަތީއޭ.. ހީނުކުރާތި ނައުރާއާ އެކު އަހަރެން އުޅޭނޭ.. މިއަދުން ފެށިގެން ކަލޭ ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ނުވާނެ.. މީ އަހަރެންގެ އަމިއްލަ ނަފްސަށާއި ޒޭބާ އަދި ޖިނާންއަށް ވާ ވައުދެއް.. ހުރިހާ ކަމެއްވެސް ވަނީ ކަލޭ ބޭނުންވާ ގޮތައް ކަމަށް ކަލޭ ހީކުރާނީ.. އެކަމަކު ހަނުހުރެގެން އަހަރެން ކަލޭ ބަރުބާދު ކުރާނަން.. ކަލޭ ބޭނުންވި ގޮތަށް ނައުރާ ގެންގުޅޭނީ އުފަލުގައި.. އެކަމަކު ކަލޭ އެކަމާ ހިތާމަ ކުރާނެ ވަރު ކޮށްލާނަން.. އަހަރެންނާއި ނައުރާ ގުޅުވައިނުދެވުނުނަމައޭ ހިތަށް އަރާވަރު ކުރާނަން.. ކަލޭ ލޯބިކުރާ ހުރިހާ އެއްޗެއް ކަލޭ އަތުން ފޭރި ގަންނާނަން.. މިހުރިހާ ކަމަކަށް އަހަރެން ގެންގުޅޭނީ އެންމެ ހަތިޔާރެއް.. އެއީ ކަލޭގެ ލޯބިވާ ކޮއްކޮ.. ނައުރާ...  މިއަދުން ފެށިގެން ދުވަސް ގުނަން ފަށާ.. ކަލޭގެ ނިމުން ވަރަށް ގާތްވެއްޖެ... " އަހަރެން ހިތާ ހިތުން ކިޔަމުން ގެންދިޔައީމެވެ.

***************

ނައުރާ ހޭއެރިއިރު އޭނަ ކައިރީގައި ގޮނޑީގައި އަހަރެން އިނީމެވެ. އަހަރެން ފެނުމާއެކު ފެށީ ރޯށެވެ. ދަރިފުޅު ގެއްލުނީކަމުގައި ބުނަމުންނެވެ. އަހަރެން އިންތަނުން ތެދުވީމެވެ. ވަރަށް ލޯބިން ކަމަށް ހެދި ނައުރާ ގައިގާ ބައްދާލީމެވެ. ނުރޯށޭ ބުނެ ނަސޭހަތް ދިނީމެވެ. އަލުން ދަރިއަކު ހޯދާނީ ކަމުގައި ބުނެ ނަސޭހަތް ދިނީމެވެ. އެވީހާ ދުވަހު ނައުރާއާ މެދު ފަރުވާކުޑަ ކުރެވުމުން އެކަމަށް މާފަށްވެސް އެދުނީމެވެ. އަހަރެން އެގޮތަށް ކަންތައް ކުރީ ސަބަބެއް ނެތިއެއް ނޫނެވެ. ދޮރުމަތީގައި އަހަރެމެންނަށް ބަލަހައްޓައިގެން ނިމާލް ހުރިކަން އެނގޭތީއެވެ.

"އިޓްސް އޯކޭ އިޒާން.. އަހަރެން އިޒާން ދެކެ ރުޅިއެއް ނާދޭ.. ވެދާނެ އިޒާން ކުއްޖަކު ބޭނުން ނުވަނިސް އަހަރެންނަށް މާ އަވަސް އަރުވާލެވުނީ ކަމަށް.. އެކަމަކު ދެން ދަރިއަކު ހޯދަންޏާ ހޯދާނީ ދެމީހުންވެސް ބޭނުންވެގެން.. ދޯ..!! " ނައުރާ ބުނެލިއެވެ.

"ނޫން ނައުރާ...! ކުއްޖަކު ބޭނުންނުވާތީއެއް ނޫން.. އޮފީސް ކަމަކާ ކުޑަކޮށް ސްޓްރެސްވެގެން އުޅޭތީ އެހެން އުޅެވުނީ.. މިދަރިފުޅު ގެއްލުމުން އިހުސާސްވެއްޖެ ކިހާ އަގުހުރި އެއްޗެކަން މިގެއްލުނީ.. ނައުރާ ރަނގަޅުވިހާ އަވަހަކަށް ވީ ވިލް ޓްރައި އަގެއިން.. " ނައުރާގެ މޫނުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. ބަލަބަލާ ހުއްޓާ ނައުރާގެ ލޮލުން އޮހިގަތީ ކަރުނައެވެ. އާއެކޭ ބުނެ ބޯޖަހައިލީ ތުންފިތައިލަމުންނެވެ.

"ނައުރާ!! ކިހިނެއް މިހާރު.. " އެތެރެއަށް ވަދެގެން އަންނަމުން ނިމާލް އެހިއެވެ.

"ރަނގަޅު...! " ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނައުރާ ޖަވާބުދިނެވެ.

"ދެރަނުވާތި.. އިރާދަކުރެއްވިއްޔާ އަދި ލިބޭނެ.. " ނައުރާގެ އަނެއްފަރާތުގައި އިށީނދެ އޭނާގެ އަތުގައި ހިފާލަމުން ނިމާލް ބުންޏެވެ.

"ދޮންބެ ފަހުން އަންނަންވީނު..! މިވަގުތު ނައުރާ އަރާމުކުރުން މުހިންމު.. " ޖެހިލުމެއްނެތި އަހަރެން ބުނެލީމެވެ. ނިމާލް އަހަރެންނާ ދިމާލަށް ބަލައިލިއެވެ. އެބަލާލުމުގައި ހިތްހަމަނުޖެހުން ވިއެވެ.

"ދޯ ނައުރާ!! އަރާމުކުރީމަ އަވަހަށް ރަނގަޅުވެގެން ގެއަށް ދެވޭނީ.. ނައުރާއާއެކު ގެއަށް ގޮސް އާފެށުމަކުން ފަށަން އަހަރެން މިހިރީ ކެތްމަދުވެފައި.. " ނައުރާގެ އަތް ގެނެސް އަހަރެންގެ މޭގައި ޖައްސާލަމުން ބުނީމެވެ. މިފަހަރު ކޮންމެވެސް ވަރެއްގެ ހައިރާންކަމެއްވެސް ނިމާލްގެ މޫނުމަތިން ފެނުނެވެ.

"ތެދެއް ދޮންބޭ! އަހަރެންނަށް އެނގޭ ދޮންބެ މި ހުރިހާ ވަގުތަކު ހުރީ މިތަނުގައި ކަން.. އިޒާން ހުންނާނެ އަހަރެން ކައިރީ.. " ނައުރާ ބުނެލިއެވެ. ނިމާލް އިރުކޮޅަކުން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު އިންތަނުން ތެދުވިއެވެ. ނައުރާ ކައިރީ އަރާމު ކުރާށޭ ބުނުމަށްފަހު އޭނާ އެތަނުން ނިކުތެވެ.

************

ހޮސްޕިޓަލުން ނައުރާ ގެއަށް ގެނައީ ދެހަފްތާ ފަހުންނެވެ. ޕޯޓިކޯގައި ކާރު މަޑުކޮށްލުމާއެކު ނައުރާ ކައިރީގައި މަޑުކުރާށޭ ބުނުމަށްފަހު އަހަރެން ފޭބީމެވެ. ނައުރާ އިން ފަރާތުން ކާރުގެ ދޮރު ހުޅުވުމަށްފަހު ނައުރާ އަހަރެންގެ އަތްމައްޗަށް އުފުލާލީމެވެ.

"ސާބަސް އިޒާން... އަހަރެން ބަހައްޓަބަލަ ލަދުގަނޭ.. ދޮރުމަތީގައި އެތިބީ ދޮންބެމެން.. އިޒާންގެ މަންމަވެސް.. " ނައުރާ ބުންޏެވެ.

"ކޮންކަމަކާ ލަދުގަންނަންވީ.. ތީ އަހަރެންގެ ހަލާލު އަނބިމީހާ.. އެކަން ނޭނގޭ މީހަކު އެތަނުގައި ނެތެއްނު.." ނައުރާ ގޮވައިގެން ކުރިއަށް ދަމުން އަހަރެން ބުނީމެވެ.

"ވާއު އިޒާން!! މި ނިމާލްއަށް ނުކެރޭނެ އަހަރެން މިގޮތަށް އުފުލާލާކަށް.. " ޒުހުދާ ބުންޏެވެ. މަންމަ ހިނިތުންވެލައިގެން ބަލަހައްޓައިގެން ހުއްޓެވެ. ނިމާލް އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޝައްކެތްގައި ހުރި މީހަކު ފަދައިންނެވެ.

"ދެން ބަހައްޓަންވީނު.. ނައުރާ ވެއްޓިދާނެ.. " ނިމާލް ބުނެލިއެވެ.

"ކީއްވެ ވެއްޓެންވީ.. ސައްވީސް ގަޑިއިރު ނައުރާ އަހަރެންގެ އަތްމަތީގައި ގެންގުޅޭނެހާ ބާރު އަހަރެންގެ އަތުގައި އެބަހުރި.. " އަހަރެން ބުނެލީމެވެ.

"އިޒާން ގަދަ އިނގޭ!! ނައުރާގެ ފައި ބިންމަތީގައި ޖެހުނަ ނުދޭތި.. ދޭ އަވަހަށް އެނދުގައި ބާއްވަން.." ޒުހުދާ ބުންޏެވެ. ނައުރާ ހޭން ފެށިއެވެ. އަހަރެން ހީލައިގެން ހުރެ އެސްކިއުޒްއޭ ކިޔާ ނައުރާ ގޮވައިގެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.

***********

ޖޫސްތައްޓެއް ހިފައިގެން ކޮޓަރިއަށް އައިސް ވަންއިރު ނައުރާއަށް އޮތީ ނިދިފައެވެ. އޭނާ ކައިރީގައި އެނދުގައި އިށީނުމަށްފަހު ނައުރާގެ މޫނުމައްޗަށް އެޅިފައިވާ ބައެއް އިސްތަށިތައް ދުރަށް ލީމެވެ. އެއްވެސް ދޮގެއް ނުލާ ބުނާނަމަ ހިނދުކޮޅަކަށް އަހަރެންނަށް ނައުރާ އަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހަޤީޤަތުގައިވެސް ނައުރާއަށް ލިބިފައިވަނީ ތަފާތު ރީތިކަމެކޭ ހިތަށް އެރިއެވެ. ނަމަވެސް ދެން އައި ހިނދުގައި އެމައުސޫމު ރީތި މޫނުގެ ފަހަތުގައިވާ ނުބައި ނުލަފާކަން ހަނދާންވެ އަހަރެންގެ ހިތް ނަފްރަތުގެ އަލިފާނުން އަނދަން ފެށިއެވެ. އެހެން އިންދާ ނައުރާ ދެލޯ ހުޅުވާލައިފިއެވެ.

"މޯނިންގ ލަވް.. " ނައުރާއަށް ޖޫސްތަށި ދިއްކޮށްލަމުން އަހަރެން ބުނީމެވެ. ނައުރާގެ ތުންފަތުން ހިނިތުންވުމެއް ފާޅުވެލިއެވެ. ހެޑްބޯޑުގައި ލެގިލަމުން ޖޫސްތަށީގައި ހިފިއެވެ. ބަލަބަލާ ހުއްޓާ ނައުރާގެ ދެލޯ ފެންކަޅުވިތަން އަހަރެންނަށް ފެނުނެވެ.

"ކިހިނެއްވީ ދޫންޏާ.. " ކަންބޮޑުވާ ކަމަށް ހެދެމުން އަހަރެން އެހީމެވެ.

"ކަމެއްނުވޭ.. އިޒާން އަހަރެން ދެކެ ތިހާ ލޯބިވާތީ އުފަލުން ރޮވުނީ.. " ކުރެހިފައިވާ އަޑުން ނައުރާ ބުންޏެވެ. އަހަރެން ވަރަށް ލޯބިން ނައުރާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދިނީމެވެ.

"ޕްލީޒް.. ނައުރާ ރޯތަން ބަލަން ބޭނުމެއް ނޫން.. ނައުރާ ހޮސްޕިޓަލުގައި އޮތް އިރު އަހަރެން ހީކުރީ އަބަދަށް ނައުރާ އަހަރެންނަށް ގެއްލުނީ ކަމަށް.. ބުނެއެއްނު އެއްޗެއްގެ މުހިންމުކަން އެނގޭނީ އެއެއްޗެއް ބީވެގެން ދިއުމުންނޭ.. އަހަރެންނަށް ވީ އެހެން.. ނައުރާ ގެއްލެން އުޅޭކަމުގެ އިހުސާސްވެ އަހަރެންނަށް ހަމަވިސްނުން ލިބިއްޖެ.. ދެން ދުވަހަކުވެސް އަހަރެން ނައުރާ ހިތުގައި ނުޖައްސާނަން.. ދެމީހުން އުޅޭނީ ވަރަށް ލޯބިން.. ދޯ؟" ނައުރާގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. ނައުރާ ހިނިތުންވެލަމުން ބޯޖަހައިލުމަށްފަހު ޖޫސްތަށިން ކޯވަރެއް ބޯލިއެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް