ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައިގައި މޯދީ އާއި ޖަރުމަނުގެ ޗާންސެލަރު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަޓްރާ ހޮނިހިރު ދުވަހު ވިދާޅުވީ މިހާރު ހިނގަމުންދާ ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައާ ގުޅޭ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒް...

26 Feb 2023 | 16:49

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަޓްރާ ހޮނިހިރު ދުވަހު ވިދާޅުވީ މިހާރު ހިނގަމުންދާ ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައާ ގުޅޭ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒް އާއި ދެމެދު ވަރަށް ބޮޑަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

"ރަޝިޔާ-ޔޫކްރޭންގައި ހިނގަމުންދާ މައްސަލައާމެދު ޕީއެމް މޯދީ އާއި ޗާންސެލަރު ޝޮލްޒް އާއި ދެމެދު ފުޅާދާއިރާއެއްގައި މަޝްވަރާތަކުގައި ކުރެވުނު. ޕީއެމް މޯދީގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ އަޅުގަނޑުމެން މިތިބީ ސުލްހައާ ގުޅޭ ކަންކަމަށް ތާއީދު ކުރަން ކަމަށް" ކުވަޓްރާ ވިދާޅުވި އެވެ.

މިކަމާބެހޭ ގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ކުވަޓްރާ ވިދާޅުވީ ކޮންމެ މައްސަލައެއްގައިވެސް މަޝްވަރާ އާއި ޑިޕްލޮމެސީ އަކީ ކަންކަން ހައްލުކުރެވޭނެ މަގު ކަމަށް ބޮޑުވަޒީރު މޯދީ އަބަދުވެސް ވިދާޅުވަމުން ގެންދަވާކަމަށެވެ. ސުލްހައަކީ ހަމައެކަނި ރަޝިޔާއާއި ޔޫކްރޭނަށް ފައިދާހުރި ކަމެއް ނޫންކަމަށާއި، މިއީ އާންމުކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ އެހެން ގައުމުތަކަށް ފައިދާހުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަޝިޔާ އާއި ޔޫކްރޭންގެ ހަމަނުޖެހުންތަކުގެ އެންމެ ސީރިއަސް އެއް އަސަރަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކާބޯތަކެއްޗާއި ތެލާއި ފަރުދާގެ ރައްކާތެރިކަން ނެތުން ކަމަށް ކުވާޓްރާ ފާހަގަކުރެއްވިއެވެ.

ޑިފެންސް ކޯލަބްރޭޝަންއާ ބެހޭ ގޮތުން ސުވާލު ކުރުމުން ކުވަޓްރާ ވިދާޅުވީ، ޑިފެންސް ކޯލަބްރޭޝަން އިތުރުކުރުމާ ބެހޭ ގޮތުން ޕީއެމް މޯދީ އާއި ޗާންސެލަރު ޝޮލްޒް ވެސް ކުރިއަށް ގެންދެވި ކަމަށެވެ. މި ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި މި ޑިފެންސް ކޯޕަރޭޝަނަކީ އިންޑިއާ-ޖަރުމަނު ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މުހިންމު ތަނބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޖަރުމަނުގެ ޗާންސެލާއާ ބައްދަލުކުރެއްވުމަށް ފަހު ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗާންސެލަރު އޮލަފް ޝޮލްޒްއާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ބޭއްވި ކަމަށެވެ. "އަޅުގަނޑުމެންގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އިންޑިއާއާއި ޖަރުމަނުގެ އެއްބާރުލުން އިތުރުކޮށް، ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް. އަދި އިއާދަކުރަނިވި ހަކަތައާއި، ފެހި ހައިޑްރޯޖަން، ބަޔޯފިއުލްސްގެ ގުޅުންތައް ފުންކުރުމަށްވެސް އަޅުގަނޑުމެން އެއްބަސްވީން" މޯދީގެ ޓުވިޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް