ހިދުމަތްތައް ހަރުދަނާ ކުރުމަށް ހިޔާ ފްލެޓުތަކުގައި ސާވޭއެއް ކުރަނީ

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާ...

26 Feb 2023 | 11:54

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅުކުރުމަށްޓަކާ، އެތަނުގައި ދިރިއުޅޭ މީހުން ހިޔާލު ހޯދަން ސާވޭކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ހަފުތާއަކަށެވެ. އެ ކުންފުނިން ބުނިގޮތުގައި، މި ސާވޭއަށް މައުލޫމާތު އެއްކުރާނީ ފްލެޓްތަކަށް ޒިޔާރަތްކޮށް، އޮންލައިން ފޯމެއް ފުރައިގެންނެވެ.

މި ސާވޭގައި އެއްވެސް މީހެއްގެ އާމްދަނީ، ހަރަދު، ކޭޝް ކާޑް އަދި ބެންކް އެކައުންޓް ފަދަ މައުލޫމާތު ނާހާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބުނީ، ސާވޭގެ މަސައްކަތުގައި ބައިވެރިވާ އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ އެތަނުގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ، ސާވޭއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ، ގުޅާނީ އެ ކުންފުނީގެ ރަސްމީ ނަންބަރަކުން ކަމަށެވެ. އަދި ސާވޭއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށް އެދިފައިވެ އެވެ.

އެޗްޑީސީ އަންނަނީ ހިޔާ ސަރަހައްދު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް