ކެނޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީން ނިންމާހިސާބުން ކޯލީޝަނުން ވަކިވާނެ ކަމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ އަބަދުވެސް އޮންނަނީ މައި ދެ ޕާޓީ ކަމަށާއި އެއީ ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ޕާޓީ މައި ޕާޓީކަމަށެވެ. ދެން ތިބޭނީ ކޮންމެވެސް ސިފައެއްގައި އެ ދެ ޕާޓީގެ ބައިވެރިން ކަމަށެވެ. އަދި ޖޭޕީވެސް ކޯލިޝަނުން ވަކިވެއްޖެނަމަ އެ ޕާޓީވެސް ވެގެންދާނީ އޮޕޮޒިޝަން ކޮމްބިނޭޝަންތެރޭ ހިމެނޭ ޕާޓީއަކަށް ކަމުގައި ވިދާޅުވެފައިވެއެވެ.
"ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރެން ޖޭޕީން ނިންމާ ހިސާބުން މިހާރު އެމްޑީޕީއާއެކު އޮތް ކޯލީޝަން ނިމުމަކަށް އަންނާނެ" ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މިހާރު އޮތް ކޯލީޝަން ދެމެހެއްޓުން ކަމަށާއި އެއީ އޭނާވެސް އެދޭ ގޮތް ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމުމުގެ ބާރު އޮތީ ޖޭޕީއަށް ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރޭގައި ޖޭޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީތޯ އާއި ބައެއްގެ ފަހަތަށް އަރާނީތޯ އާއި އަދި ލީޑުކޮށްގެން އެކުލަވާލާ ކޯލީޝަނަކުން ކުރިމަތިލާނީތޯ އުފެދޭ މި ސުވާލަށް ޖަވާބު ހޯދުމަށް ގަރާރެއް ހުށަހަޅައި އެ ގަރާރު ފާސްކޮށްފައެވެ.
އެ ގަރާރު ފާސްކޮށްފައިވަނީ ހަފްތާ ބަންދުގައި އެ ޕާޓީން ކުރިއަށްގެންދިޔަ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައެވެ. އެ ގަރާރުގައިވާގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީން ކެނޑިޑޭޓަކު ނެރޭނެއެވެ. ނޫންނަމަ ޖޭޕީން ލީޑުކުރާ ކޯލީޝަނަކަށް ދާނެއެވެ. އެ ގަރާރު ފާސްވީ އެ ކޮންފަރެންސްގެ ބައިވެރިންގެ އިއްތިފާގުންނެވެ.
އެހެން ނަމަވެސް އެ ގަރާރަށް އަމަލީ ސިފަ އަންނާނީ އެ ގަރާރު އެ ޕާޓީގެ ކައުންސިލުން ފާސްކުރާ ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް