މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ނުކުރާނެ ކަމަށް ދެކުމަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ވިސްނުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ތިންވަނަ އަށް އެންމެ މީހުން ގިނަ ޕާޓީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގޮވާލައި އެ ޕާޓީގެ ގައުމީ ޖަލްސާއަށް ގަރާރެއް ހުށަހެޅުމަށް، ދަރުބާރުގޭގައި ކުރިއަށްގެންދިޔަ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ޖަލްސާގެ ރޭގެ ސެޝަނުން ފާސްކޮށްފައި ވަނިކޮށެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް މަރުހަބާ ދަންނަވާ ކަމަށާއި މިއަހަރު ބާއްވާ އިންތިހާބުގައި 2018 ގެ ކޯލިޝަން ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.
މީގެ އިތުރުން ގަރާރު އެ ފާސްވީ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކަމަށާއި ޖޭޕީން މި އިންތިހާބަށް ނުނިކުންނާނެކަމަށް ދެކުމަކީ ސިޔާސީގޮތުން އެއްގޮތަކަށް ވެސް ތަސައްރަފު ނުފުދޭ ވިސްނުމެއް ކަމަށް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް