ހުކުރު ދުވަހުގެ ރޭ މާފަންނުގައި ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކުރެވިފައިވާކަމަށެވެ.
ހުކުރު ދުވަހުގެ ރޭގެ މާރާމާރީގައި ޒަޚަމްވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު އެމީހާގެ ވަނަވަރު އަދި ހައްޔަރުކުރި މީހާގެ ވަނަވަރުވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އިއްޔެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސީޕީ ހަމީދު ވިދާޅުވެފައިވަނީ މިހާރު މާލެ ސަރަހައްދުގައި ހިނގަމުން މި އަންނަ ކަންކަން ގުޅެނީ ހަތަރު ގޭންގަކާއި ކަމަށެވެ.
https://twitter.com/M_Hameedh/status/1629672891024539652
ހުކުރު ދުވަހުގެ ރޭގެ ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެންމެފަހުން އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި ޒަޚަމްވި މީހާއަށް ފުން ޒަޚަމްތަކެއް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް