ޔޫކްރެއިންއަށް އަރައި ހަނގުރާމަކޮށް އެ ގައުމު ހިފުމާއި ދެކޮޅަށްމުޒާހަރާ ކުރަމުންދާ ރަޝިއާގެ 2،000 އެއްހާ ރައްޔިތުން ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ ސިފައިން ވަނީ ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށާފައި އެވެ. މިދިޔަ ދެ ތިން ދުވަހެއްގެ ތެރޭގައި މެދުކެނޑުމެއް ނެތި ވަޔާއި ކަނޑު އަދި އެއްގަމު މަގުން ހަމަލާދީ ރަޝިއާއިން މަސައްކަތް ކުރަމުންދަނީ ވެރިރަށް ކީވް ހިފުމަށެވެ.
މިކަމާއި ގުޅިގެން ޔޫކްރެއިން ރައްޔިތުންނާއި އެކު ތިބިކަން ދެއްކުމަށް ރަޝިއާގެ އެކި ސިޓީތަކުގެ މަގުތަކަށް އެތައް ހާސް ރައްޔިތުން ދަނީ ނުކުމެ އަޑު އުފުލަމުންނެވެ. އެގޮތުން މިހާރުވެސް 50 އަށްވުރެ ގިނަ ސިޓީތަކުގައި ރަޝިއާ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އެބަދެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ސިޓީތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި އިއްޔެގެ ނިޔަލަށް 1،800 މީހުން ރަޝިއާގައި ހައްޔަރުކޮށްފައިވެ އެވެ.
މީގެ އިތުރުން ރަޝިއާ ސިފައިންނާއި ދެކޮޅަށް ޔޫކްރެއިން ރައްޔިތުންވެސް ދަނީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެކަނި ހަނގުރާމައަށް ނުކުންނަމުންނެވެ.
ޔޫކްރެއިންގެ ރައީސް ވަނީ ހަނގުރާމައަށް ބިރުން ގައުމު ދޫކުރައްވާ ނުދާނެ ކަމަށް ވިދާޅުވެ ރައްޔިތުންނާއި ގައުމުގެ ދިފާއުގައި ރަޝިއާ އާއި ހަނގުރާމަ ކުރުމަށް ޔޫކްރެއިން ސިފައިންނާއި އެކު މައިދާނަށް ނިކުމެވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް