ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ސްޓެލްކޯއިން ކުރިއަށް ގެންދާ އެނާޖީސޭވިންގ ކެމްޕެއިންގެ ދަށުން ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭ ސެންޓްރަލްޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާއިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ޤައުމުގެ މުސްތަގުބަލް ކަމުގައިވާ ކުޑަ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިޞާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އެ ކުދިންނަށް ދީފައިވާ ކަމަށެވެ.
އަދި އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމާއެކު ތަފާތު އެކި ކުޅިވަރުތަކާއި ހަދިޔާތައް ވަނީ އެކުދިންނަށް ހާއްސަ ހަވީރުގެ ތެރެއިން ދީފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
މީގެ އިތުރުން ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތަކާއި، ކަޕްކޭކާއި، ކުޑަކުދިންނާއި ގުޅުންހުރި އެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް އެ ހަވީރުގެ ތެރެއިން ފަހި ކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ސްޓެލްކޯއިން ބުނީ ސޭވް އެނާޖީ ކެމްޕެއިން ކުރިޔަށްދާއިރު، އެފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ.
އަދި އެ ހަރަކާތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާއާއި، މާސްމީޑިއާ މެދުވެރިކޮށް ގެނެސްދޭނެކަމަށް ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް