ޔޫކުރޭންނާއި ރަޝިޔާ ދެމެދުގައި ހިނގަމުން އަންނަ ހަމަނުޖެހުންވަނީ ހީނުކުރާވަރަށް ހޫނުވެ، ހަމަނުޖެހުންތައް ގިނަވެފައެވެ. ޔޫކުރޭންގެ ވެރިރަށް ކީވް ހިފުމަށްޓަކައި ރަޝިޔާއިން ވަނީ އަތްގަދަ ކޮށްލާފައެވެ. އެގޮތުން ރަޝިޔާ ސިފައިން ވަނީ ޔޫކުރެއިންނަށް ތިން ފަރާތުން ހަމަލާތަށް މެދުނުކެނޑި ދެމުންނެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީގެ ފުރާނަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމަނިކުފާނު އެ ގައުމުން ބޭރުވުމަށް ގޮވާލައްވާފައެވެ. ނަމަވެސް މި ގޮވާލެއްވުމަށް ޒިލިންސްކީ ވަނީ ދެކޮޅު ހައްދަވާ އެ ގައުމުގައި މަޑުކުރެއްވުމަށް ނިންމަވާފައެވެ.
ޒިލިންސްކީ ވިދާޅުވީ ހަނގުރާމަ އޮތީ ޔޫކުރެއިންގައި ކަމަށާއި ގައުމުން ބޭރަށް ނުދާނެ ކަމަށެވެ.
އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި އެމެރިކާގެ ރައީސަށް ޖަވާބު ދެއްވަމުން ޒިލިންސްކީ ވަނީ އޭނާ ބޭނުންވަނީ ގައުމުން ބޭރަށް ދާނެ ފްލައިޓެއް ނޫންކަމާ ބޭނުންވަނީ ރަޝިއާގެ ވަރުގަދަ ހަތިޔާރުތަކާ ކުރިމަތިލައި ގައުމު ދިފާއު ކުރެވޭވަރުގެ ބާރުހުރި އެމެރިކާގެ ހަތިޔާރުކަމަށް ވިދާޅުވެފައެވެ.
ޔުކްރޭންގެ ހަނގުރާމައިގާ ރަޝިއާ ސިފައިންނާއި ޔުކްރޭންގެ ސިފައިންނާ ދެމެދު މިހާރު އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ގެންދަނީ ޔުކްރޭންގެ ވެރިރަށް ކިޔޭވްގައެވެ.
ޔުކްރޭންގެ ރައީސް ޒިލިންސްކީ ގެންދަވަނީ ކިޔޭވްގައި ހުންނަވައިގެން އިރުއިރުކޮޅުން ވީޑިއޯ މެސެޖްތައް މެދުވެރިކޮށް ޔުކްރޭންގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައްޔިތުންނާ އެންމެ ކައިރިން ބައްދަލުކުރައްވަމުންނެވެ.
މި ދެގައުމުގެ ދެމުގައި ކުރަމުން އަންނަ ހަނގުރާމައިގައި 44 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ޢާއްމުންގެ 200އަށްވުރެ ގިނަ މީހުން މަރުވެ 1،200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އަދި 100،000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުމުގެ އިތުރުން 50،000އަށްވުރެ މީހުންވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް