ޔުކްރޭންގެ ބޯޑަރާ ގާތުގައި ބެލަރޫސް އާއި ރަޝިއާގައި ތިބި ދިވެހި ކިޔާވާކުދިންގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާއި ޔޫކުރެއިންގެ ހަނގުރާމަ މިހާރު ފެށިފައިވާ އިރު މި ދެގައުމުގައިވެސް ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ދަރިވަރުން ތިބެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ކުދިންގެ ކަންބޮޑުވުންތައް ދެނެގަނެ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
ޔުކްރޭން ބޯޑަރާ ކައިރީގައި އޮތް ރަޝިއާގެ ހުޅަނގުގެ ސިޓީއެއް ކަމުގައިވާ ކާސްކްގައި ދިވެހި ކުދިންތަކެއް ތިބި ނަމަވެސް އެ ކުދިން ތިބީ ރައްކާތެރި ހާލަތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެކަމަކު އެ ކުދިންގެ ކަންކަން ވެސް ކައިރިން ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޔުކްރޭންގެ އިވަނޯ-ފްރެންކިވްސްގައި ތިބި 15 ދަރިވަރުން ރާއްޖެ ގަޑިން ރޭ 11:30 ހާއިރު ރައްކާތެރިކަމާ އެކު ވަނީ ހަންގޭރީ އަށް އެތެރެވެފަ އެވެ. އެ ކުދިން މިހާރު ދަތުރުކުރަމުން ދަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދިއުމަށެވެ. ދެ ދުވަހެއްގެ ތެރޭގައި އެ ކުދިން ރާއްޖެ އައުމަށް ހަމަޖެހިފައިވެ އެވެ.
އަދި ޔުކްރޭންގައި މިވަގުތު ތާށިވެފައި ތިބި ދިވެހި ނުވަ ކުއްޖަކުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް