މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަށް ފަސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ފަރާތަކަށް އެލަވެންސެއްގެ ގޮތުން މަހަކު 20،800 ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ މެއި އަށްވަނަ ދުވަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ.
ފުލްޓައިމްކޮށް އަދި އެމްއެމްއޭއަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ބައިވެރިން ޕްރޮގްރާމު ނިންމުމަށްފަހު ތިން އަހަރުގެ މުއްދަތަކަށް އެމްއެމްއޭގައި ހިދުމަތް ކުރަންޖެހެ އެވެ.
ޕްރޮގްރާމަށް ހޮވުމަށް ހަމަޖައްސާފައިވަނީ ކޮމްޕިއުޓާ ސައިންސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ބޭންކިން އަދި އެކައުންޓިން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ އެކަމަކު މާސްޓާސް އާއި އަދި އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައި ނުވާ ފަރާތްތަކެވެ.
މީހުން ހޮވުމުގައި ކޮމްޕިއުޓާ ސައިންސް، މެތަމެޓިކްސް ނުވަތަ ސްޓެޓިސްޓިކްސް އިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމާފައިވެ އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް