ހަމަހަމަކަމާއެކު އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ "ގެލްވަނައިޒިންގ މޮމެންޓަމް ފޮރ ޔުނިވަރސަލް ވެކްސިނޭޝަން" ގެ ނަމުގައި އ.ދ. ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ކޯވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގައި ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޤައުމުތަކަށް އިސްކަން ދޭންޖެހިފައިވާކަން ފާހަގަކުރައްވާ، އާމްދަނީ މަދު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަމުގައި ވިދާޅުވިއެވެ.
ވެކްސިނަކީ ހަޤީޤީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތަޢައްސަބުން އެއްކިބާވެ، އެމަގުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ނުލިބެނީސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
ވެކްސިނަކީ އެންމެންގެ ހައްޤު އޭގައި އެކުލެވޭ އެއްޗެއްގެ ގޮތުގައި ދެކި، އެމަގުން ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، 2020 ވަނަ އަހަރު ވަރލްޑް ޓްރޭޑް އޮގަނައިޒޭޝަނުން ހުށައެޅި ފަދައިން ކޯވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި، ވެކްސިންގެ ރައްކާތެރިކަން އެންމެހާ ޤައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ޤައުމުތަކުގެ ލީޑަރުންނަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
އެގޮތުން ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ގާއިމްކޮށްފައިވާ އޭ.ސީ.ޓީ. އެކެސެލެރޭޓަރގެ ގްރާންޓް ފަންޑިންގއަށް މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ކޯވިޑް 19ގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެ ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅުދައްކަވާފައި ވެއެވެ.
އަދި ދިވެހިރާއްޖޭގައި ކޯވިޑުން ރައްކާތެރިކަން ހޯދައިދިނުމަށް އަމާޒުކޮށް ހިންގުނު ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިން “ދިފާޢު” ކެމްޕޭނުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.
އެގޮތުން ކޯވިޑުގެ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ޙާލަތުގައި ދިވެހިން އެއް ބައެއްގެ ގޮތުގައި ދެއްކި އެއްބައިވަންތަކަމާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ރާއްޖެއާ ދެމެދު ބެހެއްޓި ގާތްކަމާއި ދެއްވި އެހީތެރިކަން ކަމުގައި ފާހަގަކުރެއްވިއެވެ.
ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް އެމަނިކުފާނު ގޮވާލައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް