ހދ.ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޭއާރުއެޗުން ބުނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހަޅާ ފަރާތަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ލޯގޯ ހުށަހަޅާ ފަރާތަކީ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ލިބިފައިވާ ފަރާތެއް ކަމަށާއި އަދި ލޯގޯ އެއްވަނައަށް ގޮސްފިނަމަ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ކޭއާެރުއެޗާއި ހަވާލު ކުރުމާމެދު އެއްވެސް އިއުތިރާޒެއްއްނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަން ވާނެ ކަމުގައި އެ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.
އަދި އެ ސިޓީގައި ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްގެ ކޮޕީއާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެ ކަމަށާއި، ކުންފުންޏަކުން ލޯގޯ ފަރުމާކޮށް ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީ ހުށަހަޅަން ޖެހެއެވެ.
ކޭއާރުއެޗުން ބުނީ ފަރުމާކުރެވޭ ލޯގޯއަކީ މީގެ ކުރިން އެއްވެސް ފަރާތަކުން ފަރުމާކޮށް ބޭނުންކޮށްފައިވާ ލޯގޯއަކަށް ވެގެން ނުވާނެ ކަމަށާއި އަދި އެ ހޮސްޕިޓަލް ރަމްޒު ކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންވާނެ ކަމަށެވެ.
ލޯގޯ ފަރުމާ ކުރުމުގައި މައިގަނޑު ގޮތެއްގައި ޓީލް ގްރީން ކުލައިގެ ޝޭޑްސްތައް ބޭނުން ކުރުމަށާއި، ލޯގޯއިން ރަމްޒުކޮށް ދެނީ ކޮންކަމެއްކަމާއި، ލޯގޯގައި ހިމެނޭ ކުލަތަކުން ރަމްޒުކޮށްދޭ މާނަ ލޯގޯއާއެކު ހުށަހަޅަންވާނެ ކަމަށް ކޭއާރުއެޗުން ހާމަކުރެއެވެ.
މީގެއިތުރުން ކޭއާރުއެޗުން ބުނީ ލޯގޯ ފަރުމާ ކޮށްފައި ހުންނަންވާނީ، ލެޓަރހެޑާއި ބިޒްނަސް ކާޑާއި ޔުނިފޯމާއި ޓީޝާޓުގެ އިތުރުން ދިދަ ފަދަ ތަކެތީގައި ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.
އެގޮތުން ލޯގޯ އަކީ ލަކުޑި، ފައިބަރުފަދަ މައުދަނުގައި ފަސޭހައިން ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެ ކަމަށެވެ.
ލޯގޯގެ ރިޒޮލިއުޝަން މިންގަނޑެއްގެ ގޮތުގައި ހުންނަންވާނެ ކަމަށް ކަނޑައަޅާފައި ވަނީ DPI300 އާއި DPI600 އާއި ދެމެދެވެ. އަދި
ލޯގޯ ހުށަހަޅާއިރު ތިން ފޯމެޓެއްގައި ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާއިރު، އެ ފޯމެޓްތަކަކީ PSD, CDR އަދި JPEG ފައިލް ފޯމެޓެވެ.
ލޯގޯ ހުށަހަޅަން ބޭނުންވާ ކޮންމެ ފަރާތަކަށް 3 ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯގެ ޑިޒައިންގ އެ ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް އީ-މެއިލް [email protected] ކުރުމަށް ކޭއާރުއެޗުން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް