ރޮޒައިނާގެ ބަހުގެ ހަމަލާއެއް ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ. ރޮޒައިނާގެ މި ހަމަލާތައް އަމާޒު ކުރެއްވީ...

26 Feb 2022 | 06:23

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރޮޒައިނާގެ މި ހަމަލާތައް އަމާޒު ކުރެއްވީ ރޭ ށ. މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެވެ. އެ ޖަލްސާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދާއިއެކު ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން "އެމްޑީޕީ ހިންގާލަން" ލޯންޗު ކުރުމަށް ބޭއްވި ޖަލްސާ އެވެ.

މި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އޭނާއަށް އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އަންނަން ފުރުސަތު ލިބިއްޖެ ނަމަ ސިޔާސީ ފުރުސަތުތަކަކީ ވަކި އާއިލާއަކަށް ނުވަތަ ވަކި ރަށަކަށް ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވެގެން ނުދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަގާމަށް ވާދަ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި އަންހެނުން ސިޔާސީ ދާއިރާއަށް ނެރެ ގިނަ ކުރުން ހިމެނޭ ކަމަށެވެ.

ސިޔާސީ މަސައްކަތަކީ "ހަޑި މަސައްކަތެއް" ގޮތުގައި ބައެއް މީހުން ދައްކާ ވާހަކައާ ގުޅުވައި ރޮޒެއިނާ ވިދާޅުވީ ރީތި ގޮތުގައި މި މަސައްކަތް ކުރާނަމަ މިއީ ރީތި މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ރީތި ވާނީ ރީތި ގޮތުގައި މަސައްކަތް ކުރުމުގެ ނިޔަތުގައި ތިބި މީހުން ނުކުމެގެން ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާގެ ވާހަކަ އަމާޒު ކުރެއްވީ ރައިސް ނަޝީދަށް ކަމަށް ބެލެވެ އެވެ. އެއީ އެމަނިކުފާނު އެމްޑީޕީގެ ލީޑާޝިޕުގައި އަބަދުވެސް އިސްކޮށް ހުންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަކީ ނަޝީދުގެ ދެބެންގެ ދެ ދަރި ކޮއްކޯފުޅެވެ.

އަދި އެ އާއިލާގެ ގިނަ ބަޔަކު އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބަވަ އެވެ. އެހެންވެ ރޮޒައިނާގެ އިތުރުން އެމްޑީޕީ ތެރެއިންވެސް ހިޔާލު ތަފާތުވާ މީހުން އެކަމާއި މީގެ ކުރިން ދެކޮޅު ހަދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް