ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އިންޑިއާ ތާއީދެއް ނުކުރި!

ޔޫކްރެއިންއިން ރަޝިއާ ސިފައިން ވަގުތުން ފައިބާ، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި މައްސަލަ ރަޝިއާއިން ވީޓޯކޮށްފި އެވެ. އެ ކައުންސިލަށް ހުށަހެޅޭ މި ފަދަ މައްސަލަތައް ...

26 Feb 2022 | 05:37

ޔޫކްރެއިންއިން ރަޝިއާ ސިފައިން ވަގުތުން ފައިބާ، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި މައްސަލަ ރަޝިއާއިން ވީޓޯކޮށްފި އެވެ.

އެ ކައުންސިލަށް ހުށަހެޅޭ މި ފަދަ މައްސަލަތައް ދުނިޔޭގެ އެންމެ ބާރުގަދަ ފަސް ގައުމުގެތެރެއިން އެއް ގައުމު ވީޓޯ ކުރިޔަސް ފާހެއް ނުވާނެ އެވެ. އެ ފަސް ގައުމަކީ، ރަޝިއާ، އެމެރިކާ، ފްރާންސް، ޗައިނާ އަދި އިނގިރޭސިވިލާތެވެ.

މި ކައުންސިލްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އަވަށްޓެރި އިންޑިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އިތުރުން ޗައިނާއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. އެހެންކަމުން އެ ގައުމުތައް ފާހަގަ ކުރަމުން ދަނީ ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކަކަކީ މައްސަލައެއް ނޫން ކަމަށް ގަބޫލު ކުރާ ގައުމުތަކުގެ ގޮތުގައި އެވެ.

މި މައްސަލަ ވީޓޯ ކުރުމަށް ފަހު ރަޝިއާއިން ބުނީ އދ.ގައި ނެގި ވޯޓަކީ އިންސާނިއްޔަތާއި ހިލާފު އިތުރު އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ވޯޓެއް ކަމަށެވެ. އަދި ރަޝިއާއިން ވަނީ އެ މައްސަލައަށް ތާއިދުކޮށް ވޯޓު ނުދޭ ގައުމުތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

މި މައްސަލަ ވީޓޯ ކުރުމުން އެމެރިކާއިން ބުނީ ރަޝިއާއިން ބާރުގެ ބޭނުންކޮށް އަވައްޓެރި ގައުމުތަކަށް ފުރައްސާރަ ކުރަނީ ކަމަށެވެ. އަދި މައްސަލަ ވީޓޯ ކުރިޔަސް ޔޫކްރެއިން ހަނގުރާމައަށް ތާއީދު ނުކުރާނެ ކަމަށް ބުނާ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ރަޝިއާއިން ހިފަން ބޭނުންވެގެން އުޅޭ ޔޫކްރެއިންގެ ރައްޔިތުންގެ އަޑު ވީޓޯ ނުކުރެވޭނެ ކަމަށް އެމެރިކާއިން ބުންޏެވެ.

ރަޝިއާއިން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދުނިޔޭގެ ބާރުތަކުން ދެމުންދާ އިންޒާރަށް ބެލުމެއް ނެތި ޔޫކްރެއިންއަށް އަރާފަ އެވެ. އަދި މިހާރު ޔޫކްރެއިންގެ ވެރިރަށް ކީވްގެ ތެރެއަށް ވަންނަން ހަމަލާދެމުންދާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ރަޝިއާގެ ހަމަލާތަކުގައި މިހާތަނަށް ޔޫކްރެއިންގެ 150 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި އާންމުންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް