ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރެއިންގެ އިންޓަނެޓަށް ބުރޫ އަރުވާ ސަރުކާރުގެ އޮފީސްތަކާއި ވެރިންނާއި ބޭންކުތަކާއި ބައެއް އާންމުންގެ ވެބްސައިޓުތަކާއި އީމެއިލްތަކަށް ސައިބާ ހަމަލާ ދެމުން ދަނީ ރަޝިއާގެ އަމިއްލަ ހެކަރުންގެ ގްރޫޕަކުން ކަން ހާމަވެއްޖެ އެވެ.
މިއަހަރު ފެށުނީންސުރެ ޔޫކްރެއިންއަށް ސައިބާ ހަމަލާ ދޭ މައްސަލަ ވަނީ ބޮޑުވެފައި އެވެ. ކޮންމެ ސައިބާ ހަމަލާ އަކާއިއެކު ތުހުމަތު އިނގިލި ދިއްކުރަމުން ދަނީ ރަޝިއާގެ އަސްކަރިއްޔާއަށެވެ.
އެކަމަކު މިއީ ރަޝިއާގެ ހެކަރުންތަކެއް ކުރާ ކަމެއް ކަން އެނގުނީ އެމީހުން އަމިއްލައަށް ބީބީސީގެ ނޫސްވެރިންނަށް ގުޅައި އެކަން ޔަގީން ކޮށްދިނުމުންނެވެ. އަމިއްލަ ސައިބާ ސެކިއުރިޓީ ފާމެއްގައި މަސައްކަތް ކުރާ މީހަކު އިތުރު ފަސް އެކުވެރިންނާއި އެކު މި މަސައްކަތް ކުރާކަން ބީސީސީއަށް ޔަގީން ކޮށްދިނީ އަޑު ބަދަލުކޮށްގެން ވާހަކަ ދައްކައިގެންނެވެ.
ބީބީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމީހުން ޔޫކްރެއިންއަށް ސައިބާ ހަމަލާ ދެމުން ދަނީ ހަނގުރާމައިގަ އިތުރަށް އެގައުމު ބަލި ކުރަން ރަޝިއާ ސަރުކާރަށް އެހީވުމުގެ ގޮތުންނެވެ. އަދި އެންމެން ޔޫކްރެއިންނާއި ދެކޮޅަށް ސައިބާ ހަމަލާ ދޭއިރު އެމީހުންވެސް އެކަން ކޮށްލަން ޖެހޭނެ ކަމަށް ދެކިގެން ސައިބާ ހަމަލާ ދޭން ފެށީ ކަމަށް ބުނި ކަމަށް ރިޕޯޓުކޮށްފައިވެ ެވެ.
އެމީހުން ބުނީ އެއީ އެމީހުން ކުރާ ކަމެއްކަން އެނގިއްޖެ ނަމަ މަސައްކަތް ކުރާ އޮފީހުގެ ވަޒީފާ ގެއްލޭނެ ކަމަށެވެ. އެ ގްރޫޕުން ބުނެފައިވަނީ އެމީހުން ތިބި ތަނާއި އެ ހެކަރުންގެ އުމުރު ނުބުނެދޭނެ ކަމަށެވެ.
ޔޫކްރެއިންގެ ވެބްސައިޓުތައް ހެކް ކުރާކަން ޔަގީން ކޮށްދިނުމުގެ ގޮތުން ހެކްކޮށްފައިވާ އީމެއިލްއެއް ބީބީސީގެ ނޫސްވެރިންނަށް ދެއްކުމުގެ އިތުރުން އެ ނޫސްވެރިނަށް ވަނީ ޔޫކްރެއިން އަސްކަރިއްޔާގެ ވެބްސައިޓުތައް ހެކް ކުރާ މަންޒަރު ހެކަރުން ދައްކާލާފަ އެވެ.
އެމީހުން ބުނީ އެއީ އަދި ފެށުން ކަމަށާއި ކުރިޔަށް އޮތްތާ އެއަށްވުރެ ވަރުގަދަ ސައިބާ ހަމަލާތައް ޔޫކްރެއިންއަށް ދޭނެ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ އެމީހުން ޔޫކްރެއިންއަށް ސައިބާ ހަމަލާ ދޭކަން ރަޝިއާ އަސްކަރިއްޔާއަށް އެނގޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެމީހުންގެ މި މަސައްކަތާއި މެދު އެ ގައުމުގެ ސަރުކާރުން އުފާވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ.
މައުލޫމާތު ދިން ހެކަރު ބުނެފައިވަނީ އޭނާ ރަޝިއާ ސަރުކާރުގެ ސައިބާ ކްރައިމް އޮތޯރިޓީގައި މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށެވެ. އެކަމަކު އެ ތަނާއި ގުޅެން ނުކެރެނީ އެ އޮތޯރިޓީގައި މަސައްކަތް ކުރާ ހެކަރުންނަށް ކުރެވޭ އެންމެ ކުށަކުން މީހާގެ ފުރާނަ ހިނގައިދާނެތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް