އުރީދޫގެ އާ ޓެކްނޮލޮޖީތަކެއް މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލަނީ

މާދަމާ ފަށާ މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި އުރީދޫގެ މައި ކުންފުނި ބައިވެރިވެ އާ ޓެކްނޮލޮޖީތަކެއް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އުރީދޫއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނ...

26 Feb 2017 | 14:51

މާދަމާ ފަށާ މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި އުރީދޫގެ މައި ކުންފުނި ބައިވެރިވެ އާ ޓެކްނޮލޮޖީތަކެއް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޯބައިލް ވޯލްޑް ކޮންގްރެސްގައި އެ ކުންފުނީގެ ފަސް ޓެކްނޮލީއެއް ދައްކަލާނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހަތާއި، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އިތުރުން 5ޖީ އާއި ކުޅިވަރަށް ހާއްސަ ޓެކްނޮލޮޖީ އަދި އުރީދޫ ސްމާޓް ސިޓީ ހިމެނެ އެވެ.

އުރީދޫއިން ބުނީ އެ ކޮންގްރެސް ކުރިޔަށް ދާއިރު 5ޖީ އާއި 4.5ޖީގެ ސުޕާޓެކްނޮލިޖީ ދައްކާލައި، ބޭނުން ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން 5ޖީ ނެޓްވޯކްގެ އިންޓަނެޓާއި ވޮއިސް ކޯލް އަދި ޓެކްސްޓް މެސެޖިންގް ހިދުމަތުގެ އަޖުމަ ބަލައިލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މެދުވެރިކޮށް ސިއްހީ ފަރުވާ ލިބޭ އުރީދޫ ހެލްތު ސޮލިއުޝަންސް އަދި އުރީދޫ ސްމާޓް ސިޓީގެ ކަންކަންވެސް މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލާނެ އެވެ. ދެން އެ ކޮންގްރެސްގައި ދައްކާލުމަށް ހަމަޖެހިފައިވާ އުރީދޫ ސްމާޓް ސްޓޭޑިއަމް މެދުވެރިކޮށް ފުޓުބޯޅަ ދަނޑުތަކުގެ ސެކިއުރިޓީ، ކަނެކްޓިވިޓީ، އައިޑެންޓިޓީ މެނޭޖްމެންޓް އަދި އެކްސެސް ކޮންޓްރޯލް ކުރެވޭގޮތެވެ.

އުރީދޫގެ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ރެސްކިއު ހިދުމަތަކީ މި ކޮންގްރެސްގައި ދައްކާލާނެ އެންމެ މުހިންމު އެއް ޓެކްނޮލޮޖީއެވެ. އުރީދޫއިން ބުނީ މިއީ ޑްރޯން އާއި ލައިވް ފީޑު ބޭނުންކޮށްގެން ކޯސްޓްގާޑަށް އެމަޖެންސީ ރެސްޕޮންސް މިޝަންތައް ކުރިޔަށް ގެންދެވޭ ހިދުމަތެއް ކަމަށެވެ.

އެގޮތުން މި ހިދުމަތުގައި ޑިސްޓްރެސް ކޯލެއް ލިބުމުން ޑްރޯން މެދުވެރިކޮށް އެ އުޅަނދެއް އޮތް ތަނެއް ދެނެގަނެ، އެ އުޅަނދަށް ސަލާމަތީ ޑްރާފްޓެއް ޑިޕްލޯއި ކުރެވޭނެއެވެ. އަދި ކޯސްޓްގާޑަށް ކަނޑުގެ އެކި ސަރަހައްދުތައް ލައިވްކޮށް މޮނީޓަރުކުރެވޭ ކެމެރާތަކެއް ހަރުކޮށްފައިވާ ބޮއީތަކެއް ވެސް ބެހެއްޓޭނެ ކަމަށެވެ.

އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިހް ސައުދު ބިން ނާސިރު އަލް ސާނީ ވިދާޅުވީ މޯބައިލް ވޯލްޑް ކޮންގްރެސްއަކީ ޓެލެކޮމް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށާއި، މިއީ އުރީދޫގެ ޓެކްނޮލޮޖީތަކާ ސޮލިއުޝަންތައް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ޓެލެކޮމް ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ކޮންގްރެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މާޗް ދޭއްގެ ނިޔަލަށް ސްޕެއިންގެ ބާސެލޯނާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް