ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމާއި ދެކޮޅަށް ބަޔާނެއް ދިނުމަށް މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީނަށް ފުލުހުން މަޖުބޫރު ކުރުވި ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ.
އެ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް ރިޔާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ޒައިދު ނެރުއްވި ބަޔާނުގައި ފުލުހުންގެ އިސް އޮފިސަރަކު ކުރީގެ ރައީސް މައުމޫނާއި ދެކޮޅަށް ބަޔާނެއް ދޭން އޭނާއަށް މަޖުބޫރު ކުރުވި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ ފުލުހުންގެ ބޮލުގައި އަޅުވާފަwiވާ ބޮޑު ތުހުމަތުތަކެއް ކަމަށެވެ.
އެހެންވެ ސިޓީގައި އެދިފައިވަނީ އެ މައްސަލަ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ބެލުމަށް ފަހު ފުލުހުންގެ އިދާރާ އަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ހެދުމަށް ސަރުކާރަށް ކޮމިޓީން ނިންމާ ގޮތުގެ ލަފާ ދެއްވުމަށެވެ.
ޒައިދު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ގެއްލިގެން އުޅޭ ޕީޕީއެމްގެ ހާޑް ޑިސްކުތައް ހުރީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުގައި ކަމަށް ބުނުމަށް ފުލުހުންގެ އިސް އޮފިސަރަކު އެދިފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ގެންދަވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުން ކަމުގައި ބުނެ ބަޔާނެއް ދިނުމަށް ތަހުގީގުގައި ފުލުހުން އެދިފައިވާ ކަމަށެވެ.
ޒައިދު ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ އޭނާ ހައްޔަރު ކުރި މައްސަލަ ނޫން އެހެން މައްސަލައެއްގައި ބަޔާން ނެގުމަށް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފަނޑިޔާރަކަށް ބިރުދެއްކި ކަމުގެ މައްސަލައެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް