ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕެއިން ފަށައިފި، ވެކްސިން ދޭންޖެހޭ 75 ހާސް މީހުން އެބަތިބި

ދިވެހި ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ނުވަތަ މީސަލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމަށް ހެދުމުގެ ގޮތުން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިން މިއަދު ފަށައިފި އެވެ. މި ކެމްޕެއިނ...

26 Feb 2017 | 09:49

ދިވެހި ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ނުވަތަ މީސަލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމަށް ހެދުމުގެ ގޮތުން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިން މިއަދު ފަށައިފި އެވެ.

މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ކެމްޕެއިން ފެށުމުގެ ގޮތުން ރައީސް ޔާމީން ވަނީ ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް ހިމަބިހި ނައްތާލުމަށް ޖަހާ ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓް ދީފައި އެވެ.

މި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ  ދެކުނު އޭޝިއާ ސަރަހައްދުގެ 11 ގައުމަކުން 2020 ވަނަ އަހަރުގެ ކުރިން ހިމަބިހި ނައްތާލަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހެލްތް މިނިސްޓްރީ އާއި ސަރުކާރުގެ އަމާޒަކީ އޭގެތެރެއިން ރާއްޖެއަކީ މި ސަރަހައްދުގައި ހިމަބިހި ނައްތާލެވިފައިވާކަން އިއުލާނު ކުރާ ފުރަތަމަ ގައުމަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ލަނޑުދަނޑި ހާސިލް ކުރުމަށް ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާ ކުރުމަކީ އެދިވަޑައިގެންނަވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ދިވެހި ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާފަދަ ވެކްސިނެއް ނުދޭނެ ކަމަށާއި ހިމަބިހި ނައްތާލުމަށް ދެވޭ ވެކްސިނަކީ ގެއްލުން ހުރި ވެކްސިނެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހިމަބިހީގެ ވެކްސިން ދޭން ޖެހޭ 75،000 މީހުން ތިބިއިރު، އޭގެ ތެރެއިން 95 ނުވަތަ އެއަށް ވުރެ ވެސް ބޮޑު ޕަސެންޓޭޖަކަށް ވެކްސިން ފުރިހަމަކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތެވެ. މި އަމާޒަށް ވާސިލްވުމާ އެކު ރާއްޖެ އަކީ ހިމަބިހި ނައްތާލެވިފައި އޮތް ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ކަނޑައަޅާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެންމެންގެ އެއްބާރުލުމާ އެކު ދެ ހަފުތާގެ ތެރޭގައި މިކަން ނިންމައި ޑަބްލިއުއެޗްއޯގެ ޝަރުތުތައް ފުރިހަމަކުރެވިއްޖެ ނަމަ ނަތީޖާ އަކަށް ވެގެންދާނީ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ރާއްޖެ އަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ސެޓިފައިކޮށް އެ ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބިގެން ދިއުން،" ނާޒިމް ވިދާޅުވި އެވެ.

މިއަދު ފެށި ކެމްޕެއިނުގައި ހިމަބިހީގެ ވެކްސިން ޖަހާފައި ހުއްޓަސް ދެ ވަނަ ޑޯޒެއް ޖެހިކަން ޔަގީންނުވާ ކުދިން ވެސް އަލުން ޖަހަން ޖެހޭނެ ކަމަށެވެ. އެޗްޕީއޭއިން ނިންމާފައިވަނީ މީސަލްސް އަދި ރުބެއްލާ ވެކްސިން އެއްކޮށްލައިގެން ޖަހައިދޭ ށެވެ. އެއީ އެމްއާރު/އެމްއެމްއާރުު ވެކްސިނެވެ.

ވެކްސިން ޖަހައިދިނުމަށް މާލޭގެ 11 ސަރަހައްދެއްގައި ހެލްތް މިނިސްޓްރީ އާއި އޭޑީކޭ އާއި އައިޖީއެމްއެޗުގެ ޓީމުތައް ހަރަކާތްތެރިވާނެ އެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ވެކްސިން ދޭނީ އެ ސްކޫލްތަކުގައި ކަމަށާއި ސްކޫލްގައި ނޫޅޭ  ކުދިންނަށް ކަނޑައަޅާފައިވާ ތަންތަނުން ވެކްސިން ޖެހޭނެ ކަމަށް ބުނެ އެވެ.

ހުޅުމާލޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލާއި ސްކޫލްތަކުގެ އިތުރުން އެޗްޑީސީ އޮފީސް ކުރިމަތީގައި އެވެ. އަދި އަތޮޅުތަކުގައި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އެމްއާރު/އެމްއެމްއާރު ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ.

މި ކެމްޕެއިންގައި ވެކްސިން ދޭނީ އުމުރުން އަށް އަހަރާއި 14 އަހަރުގެ ކުދިންނާއި 15 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންނަށެވެ. މީގެ ތެރެއިން ހިމަބިހީގެ ވެކްސިން ކުރިން ޖަހާފައި ތިބި ކުދިންގެ ތެރެއިން އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް އަލުން ވެކްސިން ދޭނީ، އޭގެ ދެވަނަ ޑޯޒެއް ނަގާފައިވާކަން ސީދާ ކަށަވަރު ވާވަރުގެ ލިޔުމެއް ނެތް ނަމަ އެވެ.

އެންމެ ފަހުން ރާއްޖެއިން ހިމަބިހި ފެނިފައިވަނީ 2006 ވަނަ އަހަރު އެވެ. އެ އަަހަރު ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 47 ފަރާތެކެވެ.

އެޗްޕީއޭއިން ބުނީ ހިމަބިޙީގެ ވެކްސިން ނުޖަހާނަމަ 10 އަހަރުން ދަށުގެ 90 ޕަސެންޓު ކުދިންނަށް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހިމަބިހި ޖެހުމުން ހުން އައިސް، ކެއްސާ، ލޯ ރަތްވެ، އަނގާތެރޭގައި ހުދު ބިހިތަކެއް ނެގުމުގެ އިތުރުން ހަންގަނޑުގައި ރަތް ބިހިތަކެއް ނަގައެވެ. އަދި ރުބެއްލާ އަކީ ނޭވާލާ ނިޒާމަށް ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

ކެމްޕެއިން ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން މާޗް މަހުގެ 11 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް